ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ހޯމްސްޓޭ ޓުއަރިޒަމް ފަށަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމުން ބުނެފިއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން މިކަން ހާމަކޮށްފައިވަނީ ހޯމްސްޓޭ ޓުއަރިޒަމް ފެށުމާއި ގުޅޭގޮތުން، އެ އެސޯސިއޭޝަނުން ދެކޭގޮތް ބަޔާންކޮށް ނެރުނު ނޫސް ބަޔާނުގައެވެ.

ގޭމްގެ ބަޔާނުގައި ހޯމްސްޓޭ ޓުއަރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓުއަރިޒަމެއްކަމުގައިވާއިރު، ހޯމްސްޓޭ ޓުއަރިޒަމް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމުގައި ބުނެފައިވެއެވެ. ނަމަވެސް، ހޯމްސްޓޭ ތަޢާރަފްކުރަން މިހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން މުޙިއްމުކަމުގައި ގޭމުން ބުނެފައިވެއެވެ.

ގޭމުން ބުނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑު-19 ގެ ސަބަބުން ޓުއަރިސްޓުން އައުން މަދުވެ މުޅި ޓުއަރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސް މި ސިނާއަތަށް ބޮޑެތި އިންވެސްޓްތައްކޮށް ޚިދުމަތްދެމުންދާ ރިސޯޓްތަކާއި ، ލިވަބޯރޑްތަކާއި އަދި ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.

"އާމްދަނީ ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރަމުން އަންނަ މަސައްކަތްތެރިންގެ ވަޒީފާގެ ކަށަވަރުކަން ދަމަހައްޓާދިނުމާއި،ގެސްޓްހައުސްތައް ދެމެހެއްޓެނިވިގޮތަކަށް ހިންގާ ބެލެހެއްޓުން މިވަނީ ނާޒުކު ފައްތަރެއްގައި" ބަޔާނުގައިވެއެވެ.

ގޭމްގެ ބަޔާނުގައި މިހާލަތަކީ ރާއްޖޭގައި އުފެދިފައިވާ ގެސްޓްހައުސްތަކާއި އަދި ސީދާ ނުވަތަ ނުސީދާގޮތުން ގުޅިފައިވާ ކުދި ވިޔަފާރިތައް ކޮޅަށްޖެހުމަށް ނުހަނު ގިނަ މަސައްކަތާއި އެހީތެރިކަން ބޭނުންވެފައިވާ ވަގުތެއްކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ގެސްޓްހައުސް ސިނާއަތުގެ ބޮޑުބައެއް ބިނާކޮށްފައިވަނީ ބޭންކުގެ ފައިނޭންސިން ބޭނުންކޮށްގެންކަމަށް ވީއިރު، އެފަރާތްތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމަކީ، ބޭންކްތަކަށް އޭގެ ސަބަބުން ތަކްލީފާއި ގެއްލުން ތަހައްމަލްކުރަންޖެހޭނެ ކަމަކަށްވީރު، އެފަރާތްތަކުން މިސިނާއަތަށްކުރާ އިތުރުބާރު ގެއްލި ގެސްޓްހައުސްތަކުގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރުސަތު ހުޅުވިގެންދިއުމުގެ ބިރު އެބައޮތްކަމަށް ވެސް ގޭމުން ބުނެއެވެ.

ގޭމްގެ ބަޔާނުގައި އެއް ގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭގޮތަށް ގެތައް އިމާރާތްކުރެވިފައިވާ ރާއްޖޭގައި، ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖްތިމާއީ މައްސަލަތަކުގެ އިތުރުން، މިހާރު ރާއްޖެ މިއޮތް ޙާލަތުގައި ހޯމްސްޓޭއިން ފަތުރުވެރިންނާއި އެގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކުގެ ސެކިއުރިޓީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ. އަދި އެމައްސަލަތަކަށް ފުރިހަމައަށް ކުރިމަތިލާ ހައްލު ހޯދައިދެވޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރުނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި، އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާނުކޮށް ހޯމްސްޓޭ ތަޢާރަފްވެގެން ގޮސްފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ޒަމާނުއްސުރެ ބުރަމަސައްކަތުން ލިބިފައިވާ ރީތިނަން ހުތުރުވެ ރައްކާތެރިނޫން ގޮތުގައި ރާއްޖެ ފާހަގަވެ، ފެންވަރުދަށް ޓުއަރިޒަމެއް އޮތް ގައުމަކަށް ރާއްޖެ ބަދަލުވެގެންދިއުމުގެ ބިރު އެބައޮތްކަމަށްވެސް ގޭމްގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން