ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ހިޔާ ފުލެޓްތަކަކީ އެ ސަރުކާރުން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް އަދި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮތަރު ކޮށިތަކެއް ވަރުގެ ހިޔާ ފުލެޓްތަކުގެ އެޕާޓްމަންޓް ތަކެއް ފިނިޝިންއާއި ނުލައި ނިންމަން 62000 ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ހިޔާ ފުލެޓްތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އެޕާޓްމަންޓް ތަކެއް ފިނިޝިން ހިމަނައިގެން ޚަރަދުކޮށްފައިވަނީ 47000 ޑޮލަރު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"މިއީ ހެޔޮވެރިކަން، މިޖަރީމާ ހިންގުމަށްފަހު މިއަދު މުއިއްޒު ވިދާޅުވަނީ އާންމު ރައްޔިތުންގެ ޖީބަށް ފޫބައްދައިދޭން ކުލި ކުޑަކުރަން." ހިޔާ ފުލެޓްތަކުގެ ކުލި ކުޑަކުރުމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަކާލާތު ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައި ރޮޒައިނާ ވިދާޅުވިއެެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާތަކުގެ ދޮރު ހަރުކުރުމާއި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ފްލެޓު ހަވާލު ކުރުމަށްފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ހިޔާ މަޝްރޫގެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓެއްގެ ގުރުއަތުލުން މީގެ ކުރިން ވަނީ ބާއްވާފައެެވެ. ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުމުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ޖުލައި މަހުގެ 14 ވަނަ ދުވަހު ފަށަން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު