އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މިހާރުވެސް އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށާއި ދީނަށް ފުރައްސާރަކުރާ މީހައާ ދިމާއަށް "ލާދީނީ" އޭ ގޮވަމުންދުވެ އޭނާމަރަން އިންޒާރުދީ ފަހަތުން ނުދުވެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މިހާރުވެސް އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ. އެ ކުށް ކުރި މީހާގެ މައްސަލަ ތަހުގީގުކޮށް އެކަމަށް އަދަބު ދޭންޖެހޭނީ ޝަރީއަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހާ އާއި ދިމާލަށް "ލާދީނީ"އޭ ގޮވައި ފަހަތުން ދުވެ މަރަން އިންޒާރެއް ނުދެވޭނެ، ގާނޫނު ހަދަނީ އެކަން ހުއްޓުވަން." މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އެމްޑީޕީގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަށް ދިފާއު ކުރައްވައި އާ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.



އެމްޑީޕީގެ ފަރާތުން މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ މިއިސްލާހަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އޭގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. އިސްލާމް ދީނުގެ އިލްމުވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުންނާއި ބައެއް ގާނޫނީ އިލްމުވެރިން ވެސްވަނީ މިއިސްލާހުތަކާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި ލާދީނިއްޔަތު އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. ޙިސާން ހުށައެޅުއްވި ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކު ނިސްބަތްވާ ގައުމެއްގެ ސަބަބުން ނުވަތަ ނަސްލެއްގެ ސަބަބުން މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.

ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު