ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 8500 ރުފިޔާ ކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާގޮތަށް ކަމަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގާގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަންނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށް އެޗްޑީސީން ނެރުނު އިއުލާންގައި ފާހަގަކޮށްފައިވެއެެެވެ. އެޗްޑީސީން ބުނީ މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައިނުވާކަމަށެވެ.

އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށާއި އަދި، ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭނެކަމަށް ވެސް އެޗްޑީސީން ކުރި އިއުލާންގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ ދެފުށް ފެންނަ ގޮތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ތަންތަން ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށް ވަދެވޭނެ ތާރީހެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައިވާ މީހުންނަށް ލިބެނީ ކޮން ފްޓެއްތޯ ބެލުމަށް އެޗްޑީސީން މީގެކުރިން ވަނީ ގުރުނެގުން ބާއްވާފައެވެ. އެހެން ނަމަވެސް މާލޭ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ގޯސްވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވާތީ އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ ހާލަތު ރަނގަޅުވެ އެޗްޕީއޭއިން ލުއި ދިނުމާއެކު އަނެއްކާވެސް އެ މަސައްކަތް ފަށާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ފްލެޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ވައިބާ ޗެނަލެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު