ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މޮޑަރނާ ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން، އެމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހުއްދަދީފިއެވެ.

މޮޑަރނާ ކުންފުނީގެ ކޮވިޑް ވެކްސިނާއި ބެހޭގޮތުން އެންމެ ފަހުން ހާމަކޮށްފައިވާ ތަހުލީލުތަކުގެ ނަތީޖާ އިން ދައްކާގޮތުގައި މިވެކްސިނުން، ކޮވިޑް ބަލީގައި ހާލުބޮޑުވުން 94 އިންސައްތައާއި ހަމައަށް ރައްކާތެރިކޮށްދެއެވެ. އަދި ވެކްސިނުގެ އެއް ޑޯޒު ފުރިހަމަ ކުރުމުންވެސް ކޮވިޑުން ރައްކާތެރިވާ މިންވަރު 64 އިންސައްތައިގައި ހިފަހައްޓާލައެވެ.

މޮޑަރނާ ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން، އެމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހުއްދަދީ ޑަބްލިއުއެޗްއޯއިން މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާ އެންގުމުގައި ބުނާގޮތުން، މަގްސަދަކީ، ކުއްލި ހާލަތަށް އިޖާބަ ދިނުމުގައި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންވާ ބޭހާއި، ވެކްސިނާއި، ބަލި ދެނެގަތުމަށް ބޭނުންވާ ތަކެތި ވީހާވެސް އަވަހަކަށް ފަސޭހައިން ލިބޭނެ އިންތާޒު ހަމަޖެއްސުމެވެ. އަދި ވެކްސިން ސަޕްލައި ކުރުމަށް ހުރި ގޮންޖެހުންތަކާއިއެކު، ވެކްސިން އިތުރުކުރުން މުހިންމުކަމަަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު މޮޑަރނަރ ކުންފުނިން ވަނީ އެކުންފުނީގެ ކޮވިޑް ވެކްސިނުގެ ޕްރޮޑަކްޝަން އިތުރުކުރުމަށް ނިންމާފައިވާކަންވެސް އާންމުކޮށްފައެވެ. މިގޮތުން 2022 ވަނަ އަހަރު ނިމުމުގެ ކުރިން މޮޑަރނާގެ ކޮވިޑް ވެކްސިނުގެ ތިން ބިލިއަން ޑޯޒު އުފެއްދުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

މޮޑަރނާ ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިނުގެ އިތުރުން ފަސް ކޮވިޑް ވެކްސިނެއް އެމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ހުއްދަދީފައެވެ. މީގެ ތެރޭގައި، އޮކްސްފޯޑް އަދި އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިން، ފައިޒަރ އަދި ބައޯންޓެކްގެ ކޮވިޑް ވެކްސިން، ރަޝިޔާގެ ސްޕަޓްނިކްވީ، ޗައިނާގެ ސިނޮފަރމް، އަދި ޖޮންސަން އެން ޖޮންސަން ކުންފުނީގެ ކޮވިޑް ވެކްސިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން