މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ ރައްޔިތުން ވޯޓްލާން ނުނުކުތީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ރައީސް އަބުދުﷲ ޔާމިން ދޫކޮށްލަން ގޮވާތީ އެކަމާ ކަންބޮޑުވެގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަކީ އެމްޑީޕީއަށް ގެއްލިގެންދިޔަ އިންތިޚާބެއް ނޫން ކަމަށެވެ. އެހެންނަމަވެސް މާލޭ ސިޓީގެ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެންދިޔައީ އަދި އެހެން އެކަން ދިމާވީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށް އާޒިމް ވިދާޅުވިއެެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް އެންމެ މަދުން ރައްޔިތުން ނިކުމެ ވޯޓްދިން އިންތިޚާބު ކަމަށެވެ.



"އެހެންވީމަ އެބައެގޭ ހަގީގަތް ދެއްތޮ، ވައްކަން ކުރުން އޯކޭ އޭ ބުނި މީހުން ނިކުމެ ވޯޓްދިނީ އެ ނޫން ބަޔެއް ނޫން، މަދު އެމްޑީޕީގެ ހިތްވަރު ހުރި މާޔޫސް ނުވެ ތިބި މެމްބަރުން ކޮޅެއް ނިކުމެ ވޯޓްދިން." އާޒިމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު އިދިކޮޅު ޕީޕީއެމަށް ލިބުނު ނަމަވެސް ރައްޔިތުން ބުނަނީ ރައީސް ޔާމިން ދޫކޮށްލަން ނޫން ކަމަށް އާޒިމް ވިދާޅުވިއެެވެ. ރައްޔިތުން ބުނަނީ ވައްކަން ކުރާ މީހުންނަށް އަދަބު ދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައީސް ޔާމިން ދޫކޮށްލާ ވާހަކަ ދައްކާތީ އެެކަމާ ކަންބޮޑުވެގެން ރައްޔިތުން ވޯޓްލާން ނުނުކުތީ، އެހެންވީމަ މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްދިނީ ރައީސް ޔާމިން މިނިވަންކުރާށޭ، ނޫން، އޭގެ އިތުރުން މީހުން ހައްޔަރުކުރުމަށް، މާވަށު ދާއިރާގެ މެމްބަރު މިނިސްޓަރަކަށް ހުންނަވައިގެން ކުރި ވައްކަމާއި ކޮރަަޕްޝަން ހުއްޓުވައި ދެއްވުމަށް، މިތާގައި މެމްބަރަކަށް އިންނަވައިގެން ތެޔޮ ވިއްކީތީވެ އެކަމާ ނުކުމެ އިދިކޮޅު ވެގެން ރައްޔިތުން ވޯޓް ނުދިނީ. އެކަން ކުރާލެއް ލަސްވެގެން ވައްކަންކުރުން އިންތިހާއަށް މަޑުނުޖެހި އެ ދާ ދިޔުމާއި ކަންބޮޑުވާތީ." އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ދެ އަހަރާއި ބަޔަކީ ބަޔަކު ކަންބޮޑުވެގެން އުޅޭވަރުގެ ބޮޑު މުއްދަތެއް ނޫން ކަމަށެވެ. ވައުދުތައް ފުއްދުމަށް ވަގުތު ނަގާނެ ކަމަށާއި، "އޮޅުން ބޮޅުންވެފައި އޮތް ކަންވާރު" ނިއުޅުވުމުން ވައުދުތައް ފުއްދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން