ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްވެސް އެއްބަސްވުމެއްގައި މި ސަރުކާރުން ސޮއި ނުކުރާ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެެއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން ވެސް އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުންވެސް ހުރިހާ އެއްބަސްވުމެއް ހާމަނުކުރާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އެއްވެސް އެއްބަސްވުމެއްގައި މިސަރުކާރުން ސޮއިކޮށްފައި ނެތް ކަަމަށާއި ކުރިއަށް އޮތްތާގައިވެސް އެފަދަ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިނުކުރާނެ ކަމަށެވެ. ރައީސް އެ ގޮތަށް ވިދާޅުވީ އުތުރު ތިޅަފަޅުގެ އެއްބަސްވުމާއި ގުޅިގެން ނޫސްވެރިއަކު އެމަނިކުފާނާއި ސުވާލު ކުރުމުންނެވެ.

ރައީސް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ގައުމަކާއިއެކު ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ. އުތުރު ތިޅަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ރައީސް ޞާލިޙު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ އަދި މަޖިލީހާވެސް އެ އެއްބަސްވުމާ ގުޅިގެން ހިއްސާކުރަންޖެހޭ މައުލޫމާތު ބަރާބަރަށް ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން