ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް
ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް އަމިއްލަ ފަރާތަކުން ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ އޮންލައިން ނޫހެއްގެ ކޮލަމިސްޓެއްގެ ގޮތުގައި ޕީޖީ ޝަމީމް، މި މަހުގެ ފަސް ވަނަ ދުވަހު ލިޔުމެއް ލިޔުއްވާފައިވާ ކަމަށާއި އޮންލައިން ނޫހެއްގައި ކޮލަމިސްޓެއްގެ ގޮތުގައި ޕީޖީ ލިޔުއްވުމަކީ އޭގެ ބަދަލެއްގެ ގޮތުގައި ފައިސާ ނުވަތަ މުދަލެއް ނުލިބުނު ނަމަވެސް، އޮންލައިން ޕްލެޓްފޯމް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބޭ ކަމެއް ކަމަށެވެ.

އަދި އެއީ ގާނޫނުއަސާސީގެ 222 ވަނަ މާއްދާގެ ރޫހާ ވެސް ހިލާފުކަމެއް ކަމަށް އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އޭނާގެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި އޮންލައިން އެތައް މީޑިއާއެއް ހަރަކާތްތެރިވަމުން އަންނައިރު މީޑިއާތައް ހިންގަނީ ލިބޭ ސްޕޮންސާތަކެއްގެ މައްޗަށް ބަރޯސާވެގެން ކަމަށްވާއިރު އަލަށް ވުޖޫދުވި އޮންލައިން ނޫހެއް ލޯންޗުކުރިތާ 48 ގަޑިއިރު ތެރޭގައި ޕީޖީ އެ ނޫހުގެ ކޮލަމިސްޓެއް ގޮތުގައި ތައާރަފުވެ ލިޔުއްވުމަކީ ވިޔަފާރީގެ އުސޫލުން މަސައްކަތްކުރާ އަދި ވާދަވެރި ވަކި މީޑިއާއަކަށް މަގާމުގެ ހައިސިއްޔަތުން ނާޒާއިޒް މަންފާ ހޯދައިދިނުމަށް ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ޝަމީމްގެ އެ އަމަލު އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޝަމީމްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ. އަދި މައްސަލަ ނިމެންދެން ޝަމީމް ޕީޖީގެ މަގާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ވެސް ވަނީ އޭަސީސީއަށް ފޮނުއްވި ސިޓީގައި އެދިފައެވެ.

މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ މަންފާއެއް ބަޔަކަށް ހޯދައިދޭން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށް، ޝަމީމްގެ މައްސަލައެއް އޭސީީސީ އަށް ހުށަހަޅާފައިވާއިރު ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ދައުވާނުކުރަން ނިންމި ނިންމުމާ ގުޅިގެން އެކޮމިޝަނާއި މެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ވެސް އުފެދިފައެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ހުސެން ފިޔާޒު މޫސާ އިސްކޮށް ހުންނަވައިގެން ނެރެންފެށި ނޫހަކަށް ޕީޖީ ޝަމީމު ކޮލަމިސްޓެއްގެ ގޮތުގައި ލިއުއްވަން ފެއްޓެވުމުން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސުވާލު ތަކެއް އުފައްދަވާފައެވެ. އަދި މިއީ ޕީޖީގެ މަގާމުގެ ނުފޫޒު ބޭނުން ކުރަށްވައިގެން ސަރުކާރު ހިންގާ މައި ޕާޓީގެ ފިކުރަށް ތާއީދުކުރަށްވާ ބޭފުޅަކު އިސްކޮށް ހުންނަވައިގެން ހިންގާ ނޫހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށާއި ނަހަމަ ގޮތުގައި މައުލޫމާތު ހިއްސާ ކުރުމަށް ޕީޖީ ހިންގަވާ ވަރަށް ނާތަހުޒީބު ޢަމަލެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. މީގެއިތުރުން ރައްޖޭގައި އިންޑިއާގެ ސިފައިން ތިބޭ އަދަދާއި އެމީހުންނަށް ޚަރަދު ކުރާ ގޮތުގެ ތަފުސީލު ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށައެޅުމުން ވަކި ހިސާބަކުން އިންފޮމޭޝަން ކޮމިޝަނަރގެ ޚިޔާލު ސަރުކާރާއި އެއްކޮޅަށް އެނބުރި އެމައުލޫމާތު ނުދޭން ތާއީދު ކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ ކުރީގެ އިންފޮމޭޝަން ކޮމިޝަރ ހުސެއިން ފިޔާޒުގެ މައްޗަށް ވެސް ތުހުމަތު ތަކެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން