މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ފެންވަރުގެ އެއަރޕޯޓަކަށް ވުމުގެ ފުރުސަތު އޮތް އެއަރޕޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހއ. ދިއްދޫއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހދ. ހަނިމާދޫގައި ގާއިމް ކުރެވޭ ބައިނަލްއަގްވާމީ އެއަރޕޯޓް ހިންގުމުގައި ތިލަދުންމަތީ ރައްޔިތުންގެ އަމާޒަކަށް ވާންވީ ފައިދާ ހޯދުން ކަމަށެވެ. އެއަރޕޯޓް ހިންގުމުގައި ތިލަދުންމަތީ ރައްޔިތުން އަމާޒު ހިފަންވީ ފައިދާ ވާނެ ގޮތަށް އެއަރޕޯޓް ހިންގޭނީ ކާކަށް ކޮން ގޮތަކަށްތޯ ބަލައި އެގޮތަށް ހިންގުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

ތިލަދުންމަތީގައި ރިސޯޓް ތަރައްގީކުރަން ރަށްތައް ވަރަށް ގިނައިން ދޫކުރެވިފައިވާ ކަމަށާއި މަދު ރަށެއް ނޫނީ ތަރައްގީކުރެވިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. ރަށްތަކުގައި ރިސޯޓް ތަރައްގީނުވުމުގެ އެންމެ ބޮޑު ސަބަބަކީ ދަތުރުފަތުރުގެ ނިޒާމެއް ނެތުންކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެެވެ. ރާއްޖޭގައި ރިސޯޓެއް ހެދުމަށް ދޫކުރާ ރަށެއް ނުހެދެނީ އެއިން ލިބޭ މަންފާއާއި ނަފާ ކުޑަވެގެން ނޫންކަމަށާއި އެއީ ވިޔަފާރީގެ ގޮތުން ކުރެވޭނެ ކަމެއް ކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ނުފެންނާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތް ކުރަންވީ އެއަރޕޯޓް ތަރައްގީކޮށް ނިންމުމަށް ކަމަށާއި އެއަށްފަހު ޓެންޑަރަށް ރަށްތައް ހުޅުވާނުލިޔަސް ރަށްތައް ތަރައްގީކުރުމަށް ބޭނުންވާ މީހުން އެކަން ކުރުމަށް އެދި ހުށައަޅާ އެކަން ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަނިމާދޫ އެއަރޕޯޓް ބައިނަލްއަގްވާމި އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް 2010 ވަނަ އަހަރު ކޮންސެޕްޓެއް އެކުލަވާލެވިފައި އޮތްކަމަށާއި މިހާރުވެސް އެ އެއަރޕޯޓް ބިނާކުރުމުގެ ގިނަ ކަންކަން ނިމިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. އެއަރޕޯޓް ބިނާކުރުމަށް ސަރުކާރުން ރާވާފައި ވަނީ ސަރުކާރުގެ ލޯނު ހަރަދުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން