ހިޔާ މަޝްރޫއުން ފްލެޓު ލިބުނު ފަންނީ ދާއިރާގެ މީހުން ފްލެޓު ދޫކޮށްލަން އެދޭނަމަ މި މަހުގެ 19 ވާ ހޯމަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.

މިދިޔަ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޫކުރަން ހުޅުވާލި ކެޓެގަރީތަކުގައި ހިމެނޭ ބައެއް ފަންނީ ދާއިރާތަކުގެ މީހުން ފްލްޓު ދޫކޮށްލައި އެއަށްވުރެ ރަނގަޅު ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަންނީ ދާއިރާތަކުން ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނު މީހުންނަށް އެ ފްލެޓުތައް ދޫކޮށްލައި އޭގެ ބަދަލުގައި ސަރުކާރުން ދެން އެންމެ އަވަހަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓުހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް އެދޭނަމަ މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަން ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފްލެޓު ދޫކޮށްލަން އެދޭނަމަ ސިޓީ މެދުވެރިކޮށް، ނުވަތަ އީމެއިލް، ވަޓްސްއެޕް އަދި އެސްއެމްއެސްގެ އިތުރަށް އެ މިނިސްޓްރީގެ ފޯން ނަމްބަރުތަކަށް ގުޅައިގެންވެސް އެކަން އެންގޭނެކަމަށް ބަޔާނުގައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ބަޔާނުގައި ހިޔާ މަޝްރޫއުން ފްލެޓު ދޫކޮށްލާ ފަރާތްތަކަށް މި ސަރުކާރުން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ބޯހިޔާވަހިކަން ދޭނެކަން ކަށަވަރުކޮށްދީފައި ވެއެވެ. އަދި އެތަންތަނަކީ ތަނުގެ އަގު އެތަނެއްގެ ފެންވަރާ އެއްގޮތަށް ހިފެހެއްޓިފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓުތަކަށް ވާނެ ކަމަށް ބަޔާނުގައި ވެއެވެ.

މި ސަރުކާރުންވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރުވެފައިވާއިރު އެތަންތަނަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި އަގުވެސް އަތްފޯރާފަށުގައި ހުންނާނެ މަޝްރޫއު ތަކެއްކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ދިރިއުޅުމުގެ އެކި ފަންތިތަކަށް ބަލައިގެން ބަހާލައިގެން ބޯހިޔަވާހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ފްލެޓު ލިބުނު ފަންނީ ދާއިރާތަކުގެ މީހުންނަށް ފްލެޓު ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން ބުނެފައިވަނީ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ އާމްދަނީގެ ގޮތުންވެސް ތަނަވަސް ބަޔަކަށް ވާނެތީ މި ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަލައި މިހާރު ހުރި ހިޔާ ފްލެޓުތަކުގެ ފެންވަރުގެ ތަންތަނަށް ވުރެ ފެންވަރު ރަނގަޅު ތަނަވަސް ތަންތަނަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އޭގެ ބޭނުމަކީ މިވަގުތު ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން