ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ
ރައްުޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށްކުރާ ދަތުރުތަކަކީ ރަސްމީ ދަތުރަށް ހެދުން އެއީ "ހައްދު ފަހަނައެޅުމުގެ" އަމަލެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދު ﷲ ދީދީ ސިފަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ވަނީ ނިއްމާފައެވެ.



ޢެނިއްމުން އިއުލާން ކުރައްވައި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ކުރައްވާ ދަތުރުތަކުގެ މައުލޫމާތާއެކު، ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މިކަމާއިގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ލަދު ޙަޔާތް ކުޑަވުމަކީ ކަމަށް އަހްލުވެރި ނޫން މީހުންގެ ވަރަށް ޚާއްޞަ ސިފައެއްކަމަށެވެ. ދައުލަތުގެ މާލިއްޔާއިން މިހާރުވެސް ބޮޑު އިނާޔަތްތަކެއް ކަނޑައަޅުއްވައިގެން ތިއްބެވި މެމްބަރުންނަށް ލިބޭ އިނާޔަތްތަކާއި މުސާރަ ކުޑަވެގެން އިތުރު ފައިސާ ހޯދުމަށް ކުރާ މަަސައްކަތަކީ ވަރަށް ނާތަހުޒީބު ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"މިއަށް ކިޔަނީ ހައްދު ފަހަނައަޅައި ދިޔުން، މެންބަރުންނޭ މިކިޔާ މީހުންނަށް ދައުލަތުގެ މާލިއްޔަތާ ނުބައްދަލު މުސާރައާއި ޢިނާޔަތްތައް ކަނޑައަޅައިފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިޢާޔަތްކޮށް؛ އެވަރުން ނުފުދިގެން ޤާނޫނާ ޚިލާފަށް ކޮމިޓީ ޢިނާޔަތޭ ކިޔާ އެއްޗެއް ނަގަންފެށި. މިހާރު އެ އުޅެނީ ދައުލަތުގެ ބަޖެޓުން ނުސީދާ ޢިނާޔަތްތަކެއް “ރަސްމީ ދަތުރު” ގެ ނަމުގައި ނަގަން. ނާޤާބިލު، އަދި ކަމަށް އަހްލުވެރި ނޫން މީހުންގެ ވަރަށް ޚާއްޞަ ސިފައެއް ލަދު ޙަޔާތް ކުޑަވުން." އަބުދު ﷲ ދީދީ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނަކީ މިހާރުވެސް މުސާރަބޮޑު އިތުރު އިނާޔަތްތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވާއިރު ޚާއްސަކޮށް މަޖިލިސް މެމްބަރުން އަމިއްލަ ދާއިރާއަށް ދާކޮންމެ ދަތުރަކީ ރަސްމީ ދަތުރަކަށް ހެދުމަށް ނިންމުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން