އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ބާއްވާ މުޒާހަރާތަކުގެ ތެރެއިން، ރޭޕާ ދެކޮޅަށް މިއަދު ކުރި މުޒާހަރާގައި 12 މީހަކު ހައްޔަރުކުރި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ބާއްވާ މުޒާހަރާތަކުގެ ތެރެއިން މިއަދުގެ މުޒާހަރާ ފަށައިފައިވަނީ ސޯސަންމަގު، މަޖީދީ މަގު ކަންމަތިންނެވެ. "ރޭޕާއި ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދާ އިހްތިޖާޖްގައި ގިނަ ބަޔަކު މަގުތަކަށް ނުކުމެ އަޑު އުފުލާފައިވެއެވެ. އިދިކޮޅުގެ މިއަދުގެ މުޒާހަރާ ހުއްޓުވައި އެ މީހުންނަށް ހުރަސް އަޅަން ރަޔަޓްގިއަރުގައި ތިބި ފުލުހުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.

ރޭޕާއި ދެކޮޅަށް އިދިކޮޅުން މިއަދު އިހްތިޖާޖް ކުރިއިރު، މިމަހުގެ 28 ވަނަ ދުވަހުވެސް ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ ވަނީ އިހްތިޖާޖްކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން ވަނީ ރޭޕްކުރުން ހުއްޓާލުމަށާއި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ޖެންޑާ މިނިސްޓްރީއަށް ހުށައެޅިފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ބެލުމަށް ގޮވާލާފަ އެވެ.

އިދިކޮޅުން ރޭޕާއި ދެކޮޅަށް އިހްތިޖާޖް ފަށާފައިވަނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އެކަމުގައި ހިމެނޭ އެއްވެސް މީހަކު ހައްޔަރު ނުކުރާތީ ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން ކަމަށް ބުނެއެވެ.

މިއަދުގެ މުޒާހަރާއިން ވަރަށް ގިނަ އަންހެނުން ފެނިގެން ގޮސްފައި ވެއެވެ. އިދިކޮޅުން ބުނެފައިވަނީ މިމުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ބައެއް މީހުންނަށް އަނިޔާވެސް ލިބިފައިވާ ކަމަށެވެ. މުޒާހަރާއިން ފުލުހުންގެ ހައްޔަރަށް ގެންދާތަން ފެނިފައިވަނީ ވެސް އަންހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން