ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ، ކޮވިޑް-19 ގެ ބިރުވެރިކަމުގެ ރަނގަބީލުގެ އަޑު މިހާރު ކުރިއަށް ވުރެ ގަދަވެފައިވާ ކަމަށެވެ.

ވަގުތު ފާއިތުނުވަނީސް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެމަނިކުފާނު ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި އެޗްޕީއޭއާއި ހެލްތު މިނިސްޓަރީ ވަނީ ޓެގް ކުރައްވާފައެވެ.

ރައީސް މައުމޫނަކީ ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެން އެބަލީގެ އުނދަގޫތައް ކޮންމެވެސް ވަރަކަށް ތަހައްމަލު ކުރަށްވައި، ތަޖުރިބާވެސް ކުރަށްވާފައިވާ ބޭފުޅެކެވެ. ބައްޔަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން އެމަނިކުފާނަށް ވަނީ ފަރުވާވެސް ދީފައެވެ.



ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ރައީސް މައުމޫން ގޮވާލައްވާފައި ވާއިރު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވެސް އިއްޔެ އުވާލާފައެވެ. އަދި އެއާއެކު ގިނަ ފިޔަވަޅު ތަކަށް މިހާރު ވަނީ ލުއިތަކެއް ވެސް ދީފައެވެ.



އެގޮތުން ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުން، ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދަންވަރު 1:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި ޕާކުތަކާއި މައިޒާންތައް ވެސް ހުޅުވުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭ އިން ވަނީ ނިއްމާފައެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން ވިޔަފާރީގެ ހަރަކާތްތަކަށް ބުރޫއަރާ ގިނަ ބައެއްގެ އާމްދަނީ ހުއްޓި ބައެއް ވިޔަފާރިތައް ބަނގުރޫޓު ވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

އެޗްޕީއޭއިން ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު އިއްޔެ ރާއްޖެއިން 300 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެއްދުވަހާ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވި ދުވަހުގެ ގޮތުގައި އިއްޔެ ވަނީ ރެކޯޑް ކުރެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން