ހިއްކާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި ތަރައްގީ ކުރަން ފަށާފައިވާ ހިޔާ ފްލެޓްތައް (ރަސް ފޮޓޯ: މުޖޭ)
ހިއްކާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި ތަރައްގީ ކުރަން ފަށާފައިވާ ހިޔާ ފްލެޓްތައް (ރަސް ފޮޓޯ: މުޖޭ)
ގެދޮރު ލޯން ދޫކުރުމަށް މިއަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ހުޅުވާލަން ސަރުކާރުން ނިއްމައިފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ގޯއްޗެއް އޮވެ މާލީ ތަނަވަސްކަން ނެތިގެން ގެދޮރު ނޭޅޭ ފަރާތްތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިއްމައިފައިވާ ކަަމަށެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި ލޯނު ދޫކުރުމަށް ހުޅުވާލައި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، ތިންވަނަ ކުއާޓާގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ގެދޮރު އިމާރަތް ކުރުމަށް ލޯނު ދޫކުރަނީ 15 އަހަރުން ދައްކާ ޚަލާސްކުރާގޮތަށް 6 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މިއީ ގޯތި އޮވެ ގެދޮރު އަޅަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެބޭފުޅުންގެ އަތުގައި ފައިސާ ނެތް ފަރާތްތަކަށް ހުޅުވިގެންދާނެ ފުރުސަތެއް، މި ލޯނު ސްކީމަށް ދެވަނަ ކުއާޓަރގައި ހުޅުވާލެވި ތިން ވަނަ ކުއާޓާގައި ލޯނު ދޫކުރެވިގެންދާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ." މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޕީއެސްއައިޕީގެ ދަށުން 1.5 ބިލިއަން ރުފިޔާ ބޯހިޔާވަހިކަމަށް ޚަރަދުކުރުމަށް ނިއްމައިފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ކަމަށާއި، އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރާ 13،222 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އޭގެއިތުރުން ރައީސް ވިދާޅުވެފައިވަނީ އިތުރަށް 2000 ޔުނިޓް ހަމަޖައްސަން ޖެހޭ ކަމަށް، އެއާއެކު 15222 ޔުނިޓާ ދިމާލަށް އަޅުގަނޑުމެންނަށް ޓާގެޓް ހިފިފައި މިހިރީ، އަގުތަކަށް ބަލާއިރު ފުދޭ ވަރަކަށް ހެޔޮ އަގުގައި މި ދޫކުރަނީ، މިހާރު ހުރި ތަންތަނާއި ބަލާއިރު ޖާގައިގެ ގޮތުން ތަނަވަސްވާނެ، 2 ކޮޓަރީގެ އެޕާޓްމަންޓްތަށް މިހުންނަނީ 650 އާއި 700 އަކަފޫޓްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަށް، 900 އާއި 800 އާއި ދޭތެރޭގައި މިހިރީ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އާދަމް ގެދޮރު ލޯނުގެ ވާހަކަ އިޢުލާން ކުރަސްވާފައިވާއިރު އެމްޑިޕީގެ މަޖިލިސް މެންބަރުން ގެންދަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައި ހުރި މިފަދަ މަޝްރޫޢުތަކުގެ ވާހަކަ އިޢުލާންކުރަށްވައި އެމަޝްރޫޢު ތަކުގެ ފައިދާ ރައްޔިތުންނަށް އޮޅުންފިލުވައިދީ އެފައިދާ ހޯދުމަށް އެމްޑީޕީގެ ކައުންސިލަރުންނަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން