ވެންޓިލޭޓަރު މައްސަލައިގައި ކޮންމެ މުއައްސަސާއަކުން މައުލޫމާތު ސާފުކުރަން އެދުނު ނަމަވެސް އިޚުލާސްތެރިކަމާއެކު އެމައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެންޓިލޭޓަރު މައްސަލައިގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ދޮންބިލެތް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކަމަކީ މިނިސްޓަރ މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހިނގާފައިވާ ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރަށް މައްސަލައިގެ ތަހުގީގު ހިންގާ ކޮންމެ މުއައްސަސާއަކުން މައުލޫމާތުތެއް ހިއްސާ ކުރުމަށް އެދުނު ނަމަވެސް އެ ކަން ވެސް ކުރައްވާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެކަމާ ގުޅޭ މައުލޫމާތު މަޖިލީހާއި ހިއްސާ ކުރަށްވާފައިވާނެ ކަމަށާ މިކަމާ ގުޅޭ މައުލޫމާތު އަދިވެސް އިތުރަށް ބޭނުންވާނަމަ ބޭނުންވާ ހުރިހާ މައުލޫމާތެއް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގެ ބައެއް މައުލޫމާތު މިނިސްޓްރީން ފޮރުވަމުންދާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ބައެއް ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް އެއީ ކުށްހީއެއް ކަމަށާ ވެންޓިލޭޓަރާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ފޮރުވާފައި ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް އުންސުރު ފުރިހަމަ ނުވާކަމަށްބުނެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ނިންމާފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އޭސީސީން ފާހަގަކުރި ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލައި ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަލުން ދިރާސާ ކުރުމަށް ނިންމާފައެވެ.



މި މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދާފައިވާ ހެކިތައް ވަކިން ގެނެސް އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަން ފުލުހުންގެ އެހީތެރިކަމާއެކު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން