މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ދީގެން ރައްޔިތުން ތިބޭތާ 11 އަހަރު ވެފައިވާކަމަށާއި، މިވީ ދުވަސްތަކުގައި މާލެ ސިޓީއަށް އެމްޑީޕީ ކައުންސިލަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން އަޅާފައިވާ ފްލެޓްތަކަށް މޮޅެތި ނަންނަން ކިޔުމުގެ ބަދަލުގައި އޭގެ ހައްގުވެރިންނާއި އެތަންތަން ހަވާލު ކުރަންޖެހޭކަަަމަށެވެ. މިސަރުކާރުން ފެނިގެންދަނީ ތަފާތު ބަހަނާ ދައްކައިގެން ފްލެޓްތައް ނުދީ ހިފަހައްޓަން އުޅޭތަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުއްޖަތް ނުދައްކައި ފްލެޓްތަކުގެ ތަޅުދަނޑި ރައްޔިތުންނާއި ހަވާލުކުރޭ. މާލޭގެ ކައުންސިލް އޮންނަތާ 11 އަހަރުވީ، މާލޭގެ ތަރައްޤީއަށް ގެނެވުނު ބަދަލެއް ނެތް. އެޅުނު ފްލެޓެއްނެތް. އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމަށް ނުކުރާ ވަރުގެ މަސައްކަތް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި." ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ކުރީ ސަރުކާރުން ނިންމާފައި ހުރި ފުލެޓުތަކެއްގެ ތަޅުދަނޑި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ދިނުމުގައި މި ސަރުކާރު ނުކުޅެދުންތެރިވެފައިވާ ކަމަށެވެ. އަދި އެކަމުގައި އެތައް ގިނަ ބަހަނާއެއް ސަރުކާރުން ދައްކަމުން އަންނަ ކަމަށާއި، އެގޮތުން އެ ފުލެޓުތަކަކީ ހޮހަޅަތަކެއް ކަމަށް، އަދި އެއީ ކޮތަރުކޮށިތަކެއް ކަމަށް މި ސަރުކާރުން ސިފަކޮށްފައިވާ ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ ފާއިތުވެދިޔަ ދިގު ތާރީހުގައި ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މާލެ ސިޓީގެ ރައްޔިތުންނަށްޓަކައި ކޮށްނުދެެއްވާ ކަންކަން ރައީސް ޔާމީން ކޮށްދެއްވާފައިވާކަމަށާ އެމަނިކުފާނު ނޫނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ފްލެޓް އެޅުއްވި ވެރިޔަކު ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މި ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ބަޖެޓެއް އެކަށައަޅާފައިނުވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން