މަޖިލީހުގެ ހިއުމަންރއިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރު ޖީހާން މަހްމޫދު
މަޖިލީހުގެ ހިއުމަންރއިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރު ޖީހާން މަހްމޫދު
ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރއިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ. ފުލުހުންނާއި ޖެންޑަރގެ އިތުރުން އެ މައްސަލައިގެ ތަހުގީގުގައި ހިމެނޭ މެޑިކަލް ޓީމުވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް ހޯދަންޖެހޭ ކަމަށެވެ. ޖީހާން އިތުރަށް ވިދާޅުވީ އެ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާ ވެސް ކޮމިޓީން ބައްދަލު ކުރަން ބޭނުންކަމަށެވެ. ނަމަވެސް ކޮމިޓީއަށް މިމައްސަލައިގައި ހާޒިރުކުރާ ފަރާތްތައް ހާޒިރުކުރާނެ ތާރީޙެއް އަދި ކަނޑައެއް ނާޅައެވެ.

މިދިޔަ ހަފްތާގައި މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެރަށުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ. އަދި އެކަންކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ޝިކާރައަކަށްވި ކުޑަ ކުއްޖާވަނީ އެކަމުގައި ބައިވެރިވި މީހުންގެ މައުލޫމާތު އާއިލާއާއި ހިއްސާ ކޮށްފައެވެ. އާއިލާއިން ބުނަމުންދަނީ އެވާހަކަތައް ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރި ނަމަވެސް އެމީހުން ހައްޔަރު ނުކުރާ ކަމަށެވެ. އެ އަނިޔާވެރި އަމަލު ހިންގުމުގައި ސްކޫލްގެ ޓީޗަރަކު ބައިވެރިވާ ކަމަށް އާއިލާއާއި ހަވާލާދީ ރަށުން ވާހަކަ ދައްކާ މީހުން ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ އަނިޔާ ލިބުނު ކުއްޖާ މާލެ ގެނަސް އިތުރު ތަހުލީލުތައް ކޮށް ދިރާސާ ކުރަމުން ގެންދާ ކަމަށާއި ކުއްޖާ މިހާރު ހުރީ ރައްކާތެރި ހިމާޔަތް ލިބިފައިވާ މާހައުލެއްގައި ކަމަށެވެ.

މިމައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލައި ނުރުހުން ފާޅުކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ. މިކަމާ ގުޅިގެން ރާއްޖޭހެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީކޮށް މިމައްސަލަ ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ. މިމައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ ޖެންޑަރ މިނިސްޓްރީ ދޮށަށް އެއްވެ އަޑުއުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން