ސްވިޓްޒަލެންޑްގެ ޖެނީވާގައި ތިއްބަވާ އެފްރިކާގެ ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ބައިނަލްއަޤްވާމީ މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޖެނީވާގައި ހުންނަ އދ. އޮފީހާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ތިއްބަވާ އެފްރިކަން ޔޫނިއަން މެމްބަރު ގައުމުތަކުގެ ދާއިމީ މަންދޫބުން ބައިވެރިވެވަޑައިގަތް ކަމަށް ދިވެހި ޚާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

ޖެނިވާގައި ޤާއިމްވެފައިވާ އެފްރިކަން ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ ގެބޮންގެ ޕާމަނެންޓް މިޝަނުން އިންތިޒާމުކުރި މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކައިގައި ދިވެހިރާއްޖެއާއި އެފްރިކާ ގައުމުތަކާ ގުޅުން ހުރި ބައިނަލްއަގުވާމީ މައްސަލަތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި، ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުން އަލިއަޅުވާލެއްވިއެވެ.

އަދި އެފްރިކާ ގްރޫޕްގެ ސަފީރުންނާ ބައްދަލުކޮށްލައްވަން ދެއްވި ފުރުސަތަށް ޝުކުރު އަދާކުރަށްވައި، މަލްޓިލޭޓަރަލް ސިސްޓަމާއި ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކަށް ދިމާވެފައިހުރި ދަތިތައް ފާހަގަކުރައްވާ، ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑް-19 އިން އަރައިގަތުމާއި ބެހޭގޮތުން މިނިސްޓަރ ޝާހިދު ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން