ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށް ބުނާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ބެލުމުގައި މަޖިލީހުން ކުރަންޖެހުނު ކަމެއް ހުއްޓުމެއް ނެތި ކުރަމުންދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅނަގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިހެން ވިދާޅުވީ ދައުލަތުންނާއި، އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ގެއްލިގެންދިޔަހާ ފައިސާ ހޯދަން އެއްވެސް ކަމެއް ކުރައްވާތަން ފެނިވަޑައި ނުގަންނަވާ ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ހަސަން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަޖިލިސް ތެރެއިން އެމްޑީޕީގެ މެމްބަރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަމުންދާ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރަންޖެހޭ ކޮންމެ ކަމެއް މަޖިލިސް ތެރެއިން ކުރާނެކަމަަށް ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހާއި، އެމްޑީޕީގެ މެމްބަރުން ހަނދާނެއް ނުނެތޭ، ނުވެސް ނެތޭނެ. ރައްޔިތުންގެ މަޖިލީހުން ކުރެވެން ހުރި ކަންކަން އިރާދާކުރެއްވިއްޔާ ކުރަމުން ގެންދާނަން. ކަންބޮޑުވެސްވޭ. ކަންބޮޑުވީމާ ކުރަން އޮތް ކަމަކީ ގަދަ އަޅާ މަސައްކަތް ކުރުން. އެކަމުގައި ފަހަތަށް ނުޖެހޭނަން." ހަސަން ލަތީފް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެންމެ ބޮޑު އައިބަކަށް މިއަދު ފެނިވަޑައިގަންނަވަނީ ދައުލަތުން އެތައް މިލިޔަނުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާތީކަމަށާ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް ކުރައްވާ މަސައްކަތުން އަދި މިހާތަނަށް އޭގެ އެންމެ ފައިސާ ފޮއްޗެއްވެސް ދައުލަތަށް ހޯދިފައި ނުވާކަމީ މާބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް އައިބު ކަމަކަށްވަނީ ތިޔައްވުރެ މާބޮޑު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަތީން ހަނދާން ނެތެމުންދާތީ. އެ މާސިންގާ ޚިޔާނާތުގެ އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދިފައިނުވާތީ. އަދި އެކަމާއި ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިގެން އުޅުއްވާތަން ނުފެންނާތީ." މުއިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި ހުކުމް ކޮށްފައިވަނީ ހަމައެކަނި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށެވެ. މީގެތެރެއިން ވެސް ޒިޔަތާއި އަދީބު ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ގޭގައި ތިއްބަވައިގެންނެވެ.

މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވިތާ ކުރީކޮޅު ސަރުކާރުގެ އެންމެ އިސް މަގާމު ތަކުގައި ތިއްބެވި ދެތިން ބޭފުޅެއްގެ ނަން އެލިސްޓުގައި އޮވެގެން ދުވަސްކޮޅަކު ގޭގައި ބޭތިއްބެވިއެވެ. އެބޭފުޅުން އަލުން ވަޒީފާއަށް ނެރުނީ އެބޭފުޅުންގެ ފަސްބައިގައި ޖެހުނު ޚިޔާނާތުގެ ފައިސާގެ ލައްގަނޑު ކޮންމެވެސް ގޮތަކުން ސާފުކޮށްލައްވައިގެން ކަމަށް ވެއެވެ. ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ބަލާން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން މިމައްސަލަ ބެލުމުގެ މަސައްކަތް ވަރަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ކުރީގެ ސަރުކާރުގައި ހިމެނުނު ބޭފުޅަކާއި އޭރުގެ ސަރުކާރަށް ނިސްބަތްވާ ކުރީގެ އެމްޕީއަކާއި ދެކޮޅަށް ދަޢުވާ ކުރުން ފިޔަވައި އެކޮމިޝަނުން އިތުރު އާކަމެއް ނުވަތަ އާ މައުލޫމާތެއް ވެސް އަދި ގެއްލުނު ފައިސާތައް ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވާ ކަމެއްވެސް އެ ކޮމިޝަނަކުން މިހާތަނަށް ދީފައިވާ މައުލޫމާތަކުން ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން