ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 2 ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. މީގެތެރެއިން ފުރަތަމަ ވެކްސިން ޝިޕްމަންޓްގައި ހިމެނޭ އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެރެއެވެ.

ފުރަތަމަ ޝިޕްމަންޓް މިމަހުގެ 24 ވަނަ ދުވަހު ގެނެސްފައިވާއިރު، ޗައިނާއިން ހަދިޔާކުރި ވެކްސިންގެ ދެވަނަ ޝިޕްމަންޓް ވަނީ ރޭ ރާއްޖެ ގެނެސްފައެވެ. މި ޝިޕްމަންޓް ޗައިނާއިން ގެނައީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ބޯޓެއްގައެވެ.



ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ވެކްސިންގެ ޝިޕްމަންޓާއެކު މެޑިކަލް އެހެން ސާމާނުވެސް ހަދިޔާކޮށްފައިވާކަމަށެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ޗައިނާ ސަރުކާރުގެ މިއެހީއަށް ޝުކުރު އަދާކުރަށްވާފައެވެ.

ރާއްޖޭގައި ސިނޯފާމުގެ ވެކްސިން ޖަހަމުންދާއިރު، ސިނޯފާމް ވެކްސިން ދިނުމަށް ރާއްޖެއިން ހުއްދަ ދިނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު ވަނީ އެ ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ކޮވިޑު ދިފާޢީ ވެކްސިން ކެމްޕޭންގައި މީގެ ކުރިން ޖަހާފައިވަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވަނީ ދެލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ. އަދި ކޮވިޝީލްޑްގެ އިތުރު ދެލައްކަ ޑޯޒް އިންޑިއާއިން ފަހުން ވެސް ދީފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެތެރޭގައި ރާއްޖެއިން ގަނެފައިވާ ވެކްސިން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން