އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   31 މާރިޗު 2021 - 13:48
ވެރިކަން ކުރާ އެމްޑީޕީން ވަނީ ލާމަރުކަޒީ ނިޒާމު ފުނޑާލާފައި ކަމަށާ ލާމަރުކަޒީ ނިޒާމާއި އެންމެ ބީރައްޓެހި ޕާޓީއަކީ އެމްޑީޕީ ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެމްޑީޕީއާއި ވަރަށް ބީރައްޓެހި، އެމްޑީޕީއާއި ވަރަށް ނުފަރިތަ ނިޒާމެއްކަމަށާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އަދި އެހެން ވެރިކަން ތަކުގައިވެސް އެމްޑީޕީން ވަނީ ލާމަރުކަޒީ ނިޒާމު ފުޑާލާފައިކަމަށް ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑެތި އާބާދީތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެމްޑީޕީއަށް ލިބުނު އިރުވެސް ފެނިގެންދިޔައީ ކަންކަން ކުރަންނޭގި އަތޮޅު ވެރިކަން ކުރި ދުވަސްވަރު ލިބުނު ވަރަށްވެސް ކުރިއެރުން ނުލިބި ފަހަތަށް ދިޔަ މަންޒަރުކަމަށް ޖަމީލް ވިދާޅުވިއެވެ.

"ތިން ދައުރުގައި ކުރެވުނު ކަމަކީ މަގުމަތީގައި ކުނާ އަޅައިގެން މީހުންގެ ގޯތިތައް ނެގުމާއި، ހެސްކިޔާފަ ކަރަޕްޝަން ހިންގުމާއި، ބާކީ މިއޮތް ދައުރުގައި ސިޓީ ކައުންސިލަކީ އެމްޑީޕީ ޖަގަހައެއް ކަމުގައި ހެދުމުން. މިއީ އެމްޑީޕީގެ ލާމަރުކަޒީ ނިޒާމު." ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު ކުރީގެ ސަރުކާރުން އޮތީ ލާމަރުކަޒީ ނިޒާމު މުޅިން ގަޑުބަޑުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، އެ ނިޒާމު ހިންގުމަށް ހުރިދަތިތައް އޮޅުންފިލުވުމަށް ބޭއްވި، ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން އޮތީ ޤާނޫނު ބަދަލުކޮށް، ކައުންސިލްތަކުގެ ބާރުތައް، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި ކަމަށާއި، ކައުންސިލަރުންނަށް އެއްވެސް އިޚްތިޔާރެއް އަދި ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައިކަމަށެވެ.

ރައީސް ވިދާޅުވީ، ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ، ސަރުކާރުގެ އާދައަކަށް ހަދާފައި ކަމަށާއި، ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި ކަމަށެވެ. އެހެނަސް، މިއަދު ރާއްޖެ މިހާރު އޮތީ އެ ޙާލަތަކު ނޫން ކަމަށާއި، މިއަދު މިއޮތީ ރައްޔިތުންގެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން