ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
ސަރުކާރުގެ ތެރޭގައި ހިގާ ވައްކަމަށް އިންސާފު ހޯދަން ބޭނުންވާ ކަމަށް ދައުލަތުގެ ވެރިން ބުނުމަކީ މުއަައްސަސާތަކަށް ބާރުފޯރުވުން ނޫން ކަމަށް ވިދާޅުވެ ރައީސް އޮފީހުން ނެރުނު ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިއަދު ރައްދު ދެއްވައިފިއެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިހެން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އާއި މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.



އީވާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ ވައްކަން ރަނގަޅަށް ނުބަލައިފިނަމަ އެއްވެސް ވައްކަމެއް ބަލާނެކަމުގެ އިތުބާރު ރައްޔިތުންނަށް ދެން ނޯންނާނެ ކަަމަށެެވެ. ތިން ބާރު ވަކިވެފައޭ، ކޯލިޝަން ސަރުކާރެކޭ ކިޔައިގެން ހުއްޖަތެއް ނުދެެއްކޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލަ ރަނގަޅަށް ސާފުވަންދެން ބަލަން ބޭނުންވާ ކަމަށް ބުނުމަކީ މުއައްސަސާތަކަށް ބާރު ފޯރުވުން ނޫން ކަަމަށް އީވާ ވިދާޅުވިއެވެ. ރައްޔިތުން ވެރިކަން ކުރަން ހަވާލުކުރި މީހުން، ދައުލަތާއި ގައުމާ ދިވެހި ރައްޔިތުންް ގެންދާން ބޭނުންވާ ތެދުވެރި މިސްރާބު ސާފުކޮށްދިިނުން އެއީ ކުރަންޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.

"އެކަން ރައްޔިތުންނަށް ވެސް ސާފުވާން ޖެހޭނެ. ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުވާން ޖެހޭނެ، މުއްސަސާތަކަށް ވެސް [ސާފު]ވާން ޖެހޭނެ. އެއީ އެއްވެސް ހާލަތެއްގައި މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުގެ މައްސަލަ އާއި ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ މުސްތަގިއްލުކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެެވެ. އެ މިނިވަންކަން ދީފައި އެ ވަނީ ނުފޫޒެއް ނެތި ދައުވާކުރަން ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ. މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ އެބަޔާނުގައި ދެއްވާފައެވެ.

ރައީސް އޮފީހުން އެފަދަ ބަޔާނެއް ނެރުނީ ވެންޓިލޭޓަރުތަކެއް ގަތުމަށް ހިންގި ޚިޔާނާތުގައި ސަރުކާރުން ބައިވެރިވެފައިވާކަމަށާއި، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާން އެދިވަޑައިނުގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން