ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލާގައި ދައުވާނުކުރުމަށް ނިންމި ނިންމުން އަލުން ބެލުމަށް ނިއްމައިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލާގައި ދައުވާނުކުރުމަށް ނިންމި ނިންމުން އަލުން ބެލުމަށް ނިއްމައިފައިވާ ކަމަށެވެ. މައްސަލައާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ބައެއް ވާހަކަތައްވެސް އެބަޔާނުގައި ވަނީ ދޮގުކޮށްފައެވެ. ޕީޖީ އޮފީހުން ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ގަބޫލުކުރާކަމަށެވެ. އަދި އެ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ނުކުތާތައް ހާމަކޮށް ވާހަކަ ދައްކަވާފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ އެކޮމިޝަނުން ހާމަކުރި މައުލޫމާތުގައި، ފޮނުވި ސިޓީއަކަށް ޖަވާބު ނުދީ އޮތްކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބު ނުދެވި ވާކަމަކަށް އެއޮފީހުގެ ރެކޯޑުތަކަކުން ނުދައްކާކަމަށް ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލާގައި ދައުވާނުކުރުމަށް ނިންމި ނިންމުން އަލުން ބެލުމަށް ނިއްމައިފައިވާއިރު ދައުވާ ނުކުރަން ނިއްމި ނިއްމުން މުރާޖައާ ކޮށްދިނުމަށް އެދި މިހަފުތާ ތެރޭގައި އަލުން އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް އޭސީސީން އިއްޔެ ވަނީ ބުނެފައެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން ގެންނަން ނިންމި ވެންޓިލޭތަރުތައް ގެނައުމަށް ކުރި މަސައްކަތުގައި ބޮޑެތި ޚިޔާނާތްތަކެއް އެކުލެވޭ ކަމަށް ތުހުމަތުކުރާ މައްސަލަ އޭސީސީން ތަހުގީގު ކޮށް ޕީޖީއަށް ފޮނުވުމުންވެސް މައްސަލައިގެ އުންސުރު ހަމަނުވާތީ މައްސަލަ ނުބެލުމަށް ޕީޖީން ނިންމުމުން އެމްޑީޕީގެ އެންމެ އިސް ފަރާތްތަކުގެ ފާޑުކިޔުން ވެސް ޕީޖީއަށް ވަނީ އަމާޒު ވެފައެވެ. އަދި މިމައްސަލަ މިއަދު ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައިގެ ބަހުސް ވެސް ވަނީ ފެށިފައެވެ. މަޖިލިސް މެންބަރުން ވިދާޅުވަމުން ގެންދަވަނީ މިމައްސަލަ ޕީޖީން ނުބަލަން ނިންމި ސަބަބުވެސް މަޖިލީހުން ސާފުކުރަން ވާނެ ކަމަށެވެ.

މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ މިއީ މިފަހުގެ ތާރިޚެއްގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން