ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ 32 މެމްބަރެއްގެ ވޯޓުން ވަނީ މިމައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސަށް ހުޅުވާލާފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވެންޓިލޭޓަރު މައްސަލައިގައި ޕީޖީ ދައުވާ ނުކުރުމަށް ނިންމީ އެއްވެސް ޤާނޫނީ ހަމައެއްގެ ތެރެއިން ނޫންކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެއީ ބައެއްގެ ނުފޫޒުން ކުރި ކަމެއްގެ ގޮތުގައި ޝަރީފް ސިފަ ކުރެއްވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ހޯދުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމަށް ފައިސާދެއްކި ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ މައްސަލާގައި ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަ ނުވާތީ އެ މައްސަލާގައި އޭސީސީން އެދުނުގޮތަށް ދަޢުވާ ކުރެވެން ނެތްކަމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް އަންގާފައެވެ. އަދި އެކަމާ ގުޅިގެން އުންސުރުގެ ވާހަކަ ނުދައްކައި މަޤާމުން އިސްތިޢުފާ ދިނުމަށް ރައީސް ނަޝީދު ވަނީ ޕީޖީ ޝަމީމަށް ދަންނަވާފައެވެ.

އުންސުރުތަކުގެ މުހިއްމުކަން ހާމަކޮށްދެއްވަމުން ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ، ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ ބާރެއް ކަމަށެވެ. އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންޖެހޭނެ ކަމަށްވެސް ޤާނޫނުއަސާސީގައި އޮންނަކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެކި ކުށުގެ ޢުންޞުރުތައް، ނުވަތަ ރުކުންތައް، އެކުށެއްގެ ގޮތުން ތަފާތުވެދާނެ ކަމަށެވެ. އަދި ތަޙްޤީޤުކުރާ މީހާ، ތަޙްޤީޤުގެ މިސްރާބު ގެންގުޅެންޖެހޭނީ ޢުންޞުރުތަކާ ދިމާލަށް ކަމަށާއި، ތަޙްޤީޤު ފުރިހަމަކޮށް ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެއިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ފެށުން އޮތީ ޢުންޞުރު ހޯދުމުގައި ކަމަށާއި، އެހެންކަންކަން ތަރުތީބުވަނީ އެކަމުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުންސުރުތަކުގެ މުހިއްމުކަން ހާމަކޮށްދެއްވަމުން ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރަކަށް ޢުންޞުރާ ނުލައި ކޯޓުގައި ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް ޢުންޞުރެއް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއް ސާބިތު ނުވާނެ ކަމަށާއި، ޢުންޞުރާ ނުލައި ދަޢުވާ ކުރީމާ ދެ ނަތީޖާއެއް ނުކުންނަ ކަމަށެވެ.

"ފުރަތަމަ ނަތީޖާއަކީ، ހަމަ ކަށަވަރުކަމާއެކު ކުށް ސާބިތު ނުވުމެވެ. ދެވަނަ ނަތީޖާއަކީ، ދެން އެކުށަކަށް ދަޢުވާއެއް ނުކުރެވުމެވެ. މިވާހަކަވެސް ޤާނޫނުއަސާސީގައި އޮވެއެވެ. ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމް ކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާއެއް އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް 60 ވަނަ މާއްދާގެ (ހ) ގައި އޮވެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދަޢުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެއް ކަމަށާއި، އެފަދަ ކުށެއް ސާބިތު ނުވާނެ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ. އޭގެ ފަހުން، ހެކި ލިބުނަސް، ޢުންޞުރު ފެނުނަސް، ފަހުން ދަޢުވާއެއްވެސް ނުކުރެވޭނެއެވެ. އޭނާގައިގައި އޭގެ ފަހަކުން އަތެއް ނުލެވޭނެއެވެ. އަނެއް ގޮތަކުން ބަލާއިރު، ޢުންޞުރު ނުފެންނަނީސް ދަޢުވާ ކުރުމަކީ ބޭއިންޞާފެކެވެ. އެއީ، ބޭކާރު ކަމެއްގައި މީހެއްގެ އަބުރު ނަގާލުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދުމަކީ ވަރަށް ބޮޑު ނިންމުމެކެވެ. ޒިންމާދާރުކަމާއެކު ނިންނަންޖެހޭ ނިންމުމެކެވެ. ހަމަ ކަނޑައެޅިގެން އެނގިހުރެ، އެނިޒާމުގެ ތެރެއަށް ވައްދަން ނުޖެހޭ މީހަކު ވައްދައި، އޭނާއަށް އެތައް ތަކުލީފުތަކެއް ކުރިމަތި ކުރުވުމަކީ އަޚްލާޤީ ގޮތުން ހެޔޮވާނެ ކަމެއް ނޫނެވެ. ތަކުލީފުތަކުގެ ތެރޭގައި ޤާނޫނީ ވަކީލަކު ހޯދުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން