ފުލުހުންގެ ޚިދުމަތުގެ ގާނޫނާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި އިންޓަވިއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާރިޗު މަހުގެ 27 ވަނަ ދުވަހު އަމަލުކުރަންފެށި ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގެ ދަށުން މުއައްސަސާއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން މުއައްސަސާގެ ތަރައްގީއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެ ތަރައްގީތަކާއެކު ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ. އެމްސީ ހަމީދު ވިދާޅުވީ މި ބަދަލުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ތަހުޒީބުކަމާއެކު ކުރިއަށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށާ އަދި ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ބައްޓަން ކުރެވިގެން ދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި ކަމާބެހޭ ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތާއެކު ވުޖޫދަށް ގެނެވިފައިމިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނު ( ގާނޫނު ނަމްބަރު 34/2020) އަކީ ތަހުޒީބީ ކުލަތައް ފުލުހުންގެ މުއައްސަސާގައި ޖައްސުވައިދޭނެ ގާނުނެއް ކަމަށެވެ. ހަމައެއާކު ޒަމާނާއެކު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި އުނދަގޫތައް ނައްތައިލުމަށް މަގުފަހިވެގެންދާނެ ކަމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާއިރު ޒިންމާދާރުކަމާއެކު ޖަވާބުދާރީވުން އިތުރުވެގެންދާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ފުލުހުން ގާއިމުވެތިބޭ ތިބުން އިތުރަށް ހަރުދަނާވެ، ތަހުޒީބުވެފައިވާ އެހެނިހެން މުޖުތަމައުތަކުގައިވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ފަލްސަފާ ކަމުގައިވާ، ކޮމިއުނިޓީ ޕޮލިސިންގ ނުވަތަ ނެއިބަރހުޑް ޕޮލިސިންގެ ހިދުމަތް އަޅުގަނޑުމެންގެ ދިވެހި ވެއްޓާ އެއްގޮތަށް ބަދަލުކުރެވި އަވައްޓެރި ފުލުހުންގެ ހިދުމަތް އެ ފަލްސަފާގެ މައްޗަށް ވަރަށްބޮޑަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތުގައި ދެމިތިބި ހުރިހާ މުވައްޒަފުންނަށް މި މަސައްކަތަށް ބޭނުންވާ ގާބިލުކަން އިތުރަށްލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް އެމްސީ ހަމީދު ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ގާއިމުކުރުމާއި ދިވެހި ވެށީގައި ހިންގާ ކުށްތަކާއި އެކަންކަމާ ގުޅިގެން އުފެދިފައި އޮންނަ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުން ކަމުގައި ކޮމިޝަނާ ވިދާޅުވިއެވެ. އަދި އެމަސައްކަތް ކުރުމުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމަތަށް ބަލައިގެން މަސައްކަތްކުރުމާއި، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރުމާއި، ގުޅިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުން ހިމެނޭ ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އެ އޮތް މިންވަރަށްވުރެ ރަނގަޅު މިންވަރަކަށް ގެންދިއުމަށް ކޮންމެ ދުވަހަކުވެސް ފުލުހުން މަސައްކަތް ކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން