ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާޢީ ބާރުން މިއަދު އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ފުވައްމުލަކުން ފެށިގެން ފ. އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ އެލާރޓް ނެރެފައެވެ. އަދި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މުދާ އުފުލާ އުޅަނދުފަހަރުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައި ވެއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް ގައުމީ ދިފާޢީ ބާރުން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން