ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާ ދެބޭފުޅުންގެ ކޯޅުން ބޮޑުވެ، އެންމެފަހުން އާއްމުންގެ ކުރިމައްޗަށް ބަހުސަކަށް ނުކުންނަވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދާއި ފައްޔާޒު ބަހުސަކަށް ނުކުންނަވަން ނިންމެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހިނގި ވަރުގަދަ ޒުވާބަކަށް ފަހުއެވެ.

ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޒުވާބު ފެށުނީ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއްގެ ސަބަބުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅީ މިނިސްޓަރ ފައްޔާޒް ފޮރުވުމަށް ކުރައްވާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހަލާކުވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވި، ފޮރުވުމަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. ރައީސް ނަޝީދުގެ މެސެޖަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ އޭނާ ފޮރުވަން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ނޯތު ކޮރެއާ ނޫންކަމަށާއި، ހުދުމުހުތާރު އުސޫލުން ކަންކަން ނުކުރެއްވޭނެކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކުރައްވާ މަސައްކަތަކީ އެމްޑީޕީ ތެރޭގައި އޮތް ކޮރަޕްޝަން ހުއްޓުވުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެކަމުގައި ފައްޔާޒާއި ދެކޮޅަށް ތެދުވުމަށް ލަދުގަންނަކަމަށެވެ.

އެވާހަކަތަކަށްފަހު ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު، ފައްޔާޒު އެދިވަޑައިގަތީ އާންމުންނަށް ފެންނަގޮތަށް ރައީސް ނަޝީދު ދައްކަވަން ބޭނުންފުޅުވާ ވާހަކަތައް ދެއްކެވުމަށް ބަހުސަކަށް ވަޑައިގަތުމަށެވެ. ރައީސް ނަޝީދު ވަނީ ބަހުސަކަށް ވަޑައިގަތުމަށް މާދަމާވެސް ތައްޔާރަށް ހުންނެވިކަމަށް ވަގުތުން އެއްބަސްވެ ވަޑައިގެންފައެވެ. އަދި ޕީއެސްއެމް އެކަމަށް ރަނގަޅުވާނެކަމަށާއި، އެކަން އެގޮތަށް ހަމަޖެއްސުމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު އަރިހުގައި ދަންނަވާފައިވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ، ޕީއެސްއެމް އެކަނި ކަމުނުދާކަމަށާއި ހުރިހާ މީޑިއާއަކަށް ދައުވަތު ދެއްވަންޖެހޭނޭކަމަށެވެ. މީގެއިތުރުން އެފަދަ ބަހުސެއް ކުރިއަށްދާއިރު، ހަޖަމްކުރައްވަން ރައީސް ނަޝީދަށް ފައްޔާޒު ގޮވާލެއްވިއެވެ. އަދި މަޖިލީހުގައި އަމަލުުކުރައްވާގޮތަށް އަމަލުނުކުރައްވައި، ދައްކަވަން ހުރި ވާހަކަތަކަށް ފުރުސަތު ދެއްވަން މިނިސްޓަރ ފައްޔާޒު އެދިވަޑައިގަަތެވެ. ފައްޔާޒުގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް އެކަން ކުރިއަށްދާނެކަމަށެވެ.

ސީދާ ރައީސް ނަޝީދާއި ފައްޔާޒު އާއްމުންގެ ކުރިމައްޗަށް ބަހުސަކަށް ނުކުމެވަޑައިގަންނަވަން ތައްޔާރުވާއިރު، ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރައީސް ނަޝީދު ގެންދަވަނީ ފައްޔާޒުގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ ބޮޑެތި އިލްޒާމްތައް އަޅުވަމުންނެވެ. ނަމަވެސް ފައްޔާޒު އެކަންކަން ދޮގުކުރައްވައެވެ. އަދި ރައީސް ސާލިހުވެސް ވަނީ ފައްޔާޒަށް އިތުބާރުކުރަށްވާ ކަމަށް ވިދާޅުވެ ފައްޔާޒު ދިފާއު ކުރަށްވާފައެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ވެސް ރައީސް ނަޝީދު މީގެ ކުރިން މަސައްކަތް ކުރެއްވިއެވެ. އަދި ފައްޔާޒު އިސްތިއުފާ ދެއްވުމަށް ވެސް ރައީސް ނަޝީދު މީގެކުރިން ވަނީ ގޮވާލައްވާފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ހިނގާފައި ނުވާއިރު ދޭތެރެއަކުން ދެބޭފުޅުންގެ މެދުގައި މިފަދަ ޒުވާބެއް ހިނގަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން