ރުކުގެ އާއިލާއަށް ނިސްބަތްވާ ގަސްގަހާގެއްސަށް ނުރައްކާތެރި ގެއްލުންތަކެއްދޭ ސޫތްޕެއް ކަމަށްވާ "ރެޑް ޕާމް ވީވިލް" (ރަތްމަޑި) އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް، މި މަނާކުރުން ދެމިއޮންނާނެ ވަކި މުއްދަތެއް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ސޫފި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވުމަށްޓަކައި، މި މަޑީގެ އަސަރުކޮށްފައިވާ ރުއްތައް ވީއެންމެ އަވަހަކަށް ދެނެގަތުމާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމުގެ އިތުރުން، މިކަން ކޮންޓްރޯލްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

މިގޮތުން، މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އައްޑޫ ސިޓީގެ ރަށްރަށުގައި ހުރި ރުއްތަކަށް ސޫފާސޫފި މަރަން ހާއްސަ ބޭހެއް މިހާރު ޖަހަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. މީގެއިތުރުން، ދެމެހެއްޓެނިވި އުސޫލަކުން މި މަޑި ނައްތާލުމަށްޓަކައި "ފެރޮމޯން ޓްރެޕް" ބޭނުންކޮށްގެން މަޑި ހިފުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ރެޑް ޕާމް ވީވިލް އަކީ ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ ބާވަތްތަކަށް އިންތިހާއަށް ގެއްލުންދޭ ސޫތްޕެކެވެ. މި ސޫފީގެ ފަނި (ލާވާ) މަރުހަލާގައި ރުކުގެ އެތެރޭގެ މަޑު ބައިތައް ކައި ހުސްކޮށްލައެވެ. މި ގެއްލުންތައް ރުކުގެ ބޭރުފުށުން ފަސޭހައިން ފެންނަން ނުހުންނާތީ، ގިނަފަހަރަށް މީގެ އަސަރު ދެނެގަނެވެނީ ރުކަށް ވަރަށް ބޮޑަށް ގެއްލުންވެ ހަލާކުވާ ފަހުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރުކުގެ ކުރި މަރުވެ، ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރުއް އެއްކޮށް މަރުވެގެން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު