ޔުގީތު އިބްރާހިމް (41 އަހަރު) ، އަލިތަރި / ގއ. ވިލިނގިލި
ޔުގީތު އިބްރާހިމް (41 އަހަރު) ، އަލިތަރި / ގއ. ވިލިނގިލި
ފަސް މިލިއަން ރުޕީސް އާއެކު މިދިޔަ ބުދަ ދުވަހު ނޭޕާލުން ހައްޔަރުކުރީ ޑްރަގު މައްސަލައެއްގައި ލަންކާގައި މަރަން ހުކުމްކުރި ދިވެއްސެއްކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ނޭޕާލުގެ ނޫހެއް ކަމަށްވާ 'ރާތޯޕާޓީ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ގއ. ވިލިނގިލި، އަލިތަރި، ޔުގީތު އިބްރާހީމާއި، ނޭޕާލްގެ އުމުރުން 20 އަހަރުގެ އަންހެނެއް ކަމަށްވާ ސްނޭހާ ރިމާލް އެވެ.

އެ ދެ މީހުން ހައްޔަރުކުރީ، އެ ތަނުގައި ގިނަ އަދަދެއްގެ ފައިސާ ފޮރުވާފައި ހުރި ކަމަށް ލިބުނު ޚާއްސަ މައުލޫމާތަކާ ގުޅިގެން ޕޮލިސް ސާކަލް ލައިންޗައުރުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ޑިސްޓްރިކްޓް ޕޮލިސް ކޮމްޕްލެކްސް ކަތުމަންޑޫގެ އެސް.ޕީ ދާން ބަހާދުރު ތާޕާ ވިދާޅުވީ، ހޮޓާ ބަލައިފާސްކުރި އިރު އެ ދެ މީހުންގެ އަތުން ނަގުދު ފައިސާގެ ގޮތުގައި 5،050،000 (ފަސް މިލިއަން ފަންސާސް ހާސް) ނޭޕާލް ރުޕީސް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ބޭރު ފައިސާގެ ގޮތުގައި އޮމާންގެ 4،215 ރިޔާލް އާއި ޔޫއޭއީގެ 55 ދިރުހަމް ވެސް އެ މީހުންގެ އަތުން އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696،170 ރުފިޔާ އަށް އަރައެވެ.

މި މައްސަލާގައި ހައްޔަރުކުރި ޔުގީތު އިބްރާހީމް އަކީ 2018 ވަނަ އަހަރު ލަންކާއަށް ޑްރަގު އެތެރެކުރިކުށް ސާބިތުވެ މަރަން ހުކުމް އިއްވި މީހެކެވެ. އޭނާ ހައްޔަރުކުރީ 1.296 ކިލޯގްރާމްގެ ހެރޮއިން ލަންކާއަށް އެތެރެކުރި މައްސަލައެއްގައެވެ.

ލަންކާގެ ނިގަމްބޯ ހައި ކޯޓުން 2018 ވަނަ އަހަރުގެ މެއި މަހު އިއްވި ހުކުމް މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެ ގައުމުގެ އިސްތިއުނާފު ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ. ޤާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް އެ ހުކުމް ބާތިލުކޮށް ޔުގީތު ވަނީ މިނިވަންކޮށްފައެވެ.

މި މައްސަލާގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު