ޕީޖީ އައްބާސް ޝަރީފް
ޕީޖީ އައްބާސް ޝަރީފް
ގއ. ނިލަންދޫ މަގުމަތީގައި ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް، ތޫނު ހަތިޔާރު ގެންގުޅެ، މާރާމާރީ ހިންގަން އުޅުނު ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އަދި އެ ރަށު ސަރްދީގެ، ޢަލީ އިބްރާހީމްގެ މައްޗަށެވެ.

މީގެ ތެރެއިން މުއުމިން ޙަސަންގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ޢާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ ޢަމަލެއްގެ ސަބަބުން އެހެން މީހަކަށް ބިރު ހީވާނެކަން އެނގިހުރެ، މާރާމާރީހިންގައި، ތަޅައިފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުގެ ދަޢުވާއެވެ. އަދި ޢަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާތައް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ 23 ޖުލައި 2025 ގައެވެ.

މި ހާދިސާއަކީ 29 މޭ 2025 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނިލަންދޫ މަގުމަތީގައި ހިނގި ހާދިސާއެކެވެ. އެ ރޭ އެ ދެ މީހުން އެ ޢަމަލުތައް ހިންގިކަން ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހަތަރު ޝަފަހީ ހެކިންގެ ހެކިބަހާއި، އެކަން ސާފުކޮށްދޭ ފޮޓޯ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވެއެވެ. ނަމަވެސް، 26 ނޮވެންބަރު 2026 ގައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދަޢުވާތައް ސާބިތުނުވާ ކަމަށް ޙުކުމްކޮށްފައެވެ.

ކޯޓުން އެގޮތަށް ނިންމި މައިގަނޑު އަސާސަކީ ދަޢުވާ ފޯމުގައި ކުށުގެ ޢަމަލު ހިނގި ސަރަޙައްދު ބަޔާންކުރުމުގައި ކުށެއް ލިޔެވިފައި އޮތުމެވެ. އެހެންނަމަވެސް ޕީޖީ އޮފީހުން ބުނީ، އެއީ އިދާރީ ކުށެއް ކަމާއި އޭގެ ރަނގަޅު ގޮތް ޝަރީޢަތުގެ މަޖިލީހުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

"މި މައްސަލާގައި އަޅުގަނޑަށް ފެންނަން އޮތް މަންޒަރަކީ ދަޢުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު ދަޢުވާލިބޭ މީހުން ކުރިކަމުގެ އެކަށީގެންވާ ހެކި ލިބިފައިވަނިކޮށް، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ކުށުގެ ޢުންޞުރުތައް ސާބިތުކޮށްދީފައިވަނިކޮށް، ދަޢުވާގައި އޮތް ކުށަކާ ޙަވާލާދީ ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާތަން. އެފަދަ ކުށެއް އޮތުމަކީ ދަޢުވާއަށް އަސަރުކުރާނެ ކަމެއް ނޫންކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އަދި މި މައްސަލާގައި ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، ވަކި ޚާއްޞަ ތަނެއްގައި ކުށުގެ ޢަމަލު ކުރުމަކީ ކުށުގެ ޢުންޞުރެއް ނޫން. އާންމު ތަނެއްގައި ކަމުގައިވުމުން ފުދޭ. އެ މިންވަރަށް ސާބިތުކޮށްދެވިފައިވާކަމަށް ދެކެން. އެހެންކަމުން، މި ނިންމުމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ދެކެން." ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލާގައި ދަޢުވާކޮށްފައިވާ ކުށުގެ ޢުންޞުރު ފުރިހަމަވުމަށްޓަކައި ސާބިތުކޮށްދޭން ޖެހެނީ އެ ޢަމަލު ހިންގީ ޢާންމު ތަނެއްގައިކަން ކަމަށެވެ. އެކަން ހިންގީ ވަކި ޚާއްޞަ ތަނެއް ކައިރީގައި ކަމުގައި ވުމަކީ ކުށުގެ ޢުންޞުރެއް ނޫން ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައިވާ ގޮތުން، ދަޢުވާ ފޯމުގައި އެފަދަ ކުށެއް އޮތުމަކީ، ދަޢުވާ ލިބޭ ފަރާތަށް އެ ދަޢުވާ އޮޅިދާނެ ޙާލަތެއްގައި މެނުވީ، ދަޢުވާއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އެހެންކަމުން، މި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ދެކޭތީ، ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު