އިއްޔެ ބޭއްވި މުޒާހަރާ ތެރެއިން
އިއްޔެ ބޭއްވި މުޒާހަރާ ތެރެއިން
އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރާ ދެކޮޅަށް ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ މުޒާހަރާއާ ގުޅިގެން، އިންޑިއާގެ ވެރިރަށް ދިއްލީގެ ރައްކާތެރިކަން ވަރުގަދަކޮށް، ބޮޑެތި ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މި މުޒާހަރާއާ ގުޅިގެން ދިއްލީގެ އިތުރުން ކައިރީގައިވާ އުއްތަރު އަދި ހަރިޔާނާ ފަދަ ސްޓޭޓްތަކުން ވެސް އަލާޓަށް އައުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

މި މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ސެންޓްރަލް އާމްޑް ޕޮލިސް ފޯސަސް (ސީއޭޕީއެފް) އަށް ނިސްބަތްވާ 23,000 އަށްވުރެ ގިނަ އޮފިޝަލުން ދިއްލީގައި ހަރަކާތްތެރިވާނެއެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ އޮކްޓޯބަރު 8 އިން 12 އަށް ސީއޭޕީއެފްގެ 221 ކޮމްޕެނީ ދިއްލީގައި ތިބޭނެކަން ކަށަވަރުކޮށްދީފައެވެ. ދިއްލީ ފުލުހުންގެ އިތުރުން ސީއާރްޕީއެފް، އެސްއެސްބީ، އައިޓީބީޕީ އަދި އާރްއޭއެފް ފަދަ ސެކިއުރިޓީ ބާރުތައް މި އޮޕަރޭޝަންގައި ބައިވެރިވާނެއެވެ.

މީގެ އިތުރުން ދިއްލީ ފުލުހުންގެ 20,000 އޮފިޝަލުން ވެސް ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެއެވެ.

ދިއްލީގެ އާންމު އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމުގެ ގޮތުން ބާރަތިޔާ ނާގަރިކް ސުރަކްޝާ ސަންހިތާ (ބީއެންއެސްއެސް) ގެ 163 ވަނަ މާއްދާގެ ދަށުން އަމުރު ނެރެފައިވާއިރު، ހުއްދައެއް ނެތި އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ރޭލު ސްޓޭޝަންތަކާއި ބަސް ޓާމިނަލްތަކުގެ ސެކިއުރިޓީ ވެސް ވަނީ އިތުރުކޮށްފައެވެ.

ސީޖޭޕީގެ ތަރުޖަމާނު ސައުރަވް ދާސް ވިދާޅުވީ، ޖަންތަރު މަންތަރުގައި ބާއްވާ މި މުޒާހަރާއާ ބެހޭ މަޢުލޫމާތު ދިއްލީ ފުލުހުންނަށް ރަސްމީކޮށް ހިއްސާކުރާނެ ކަމަށާއި، މަގުމަތީގެ ތޮއްޖެހުމާއި ސެކިއުރިޓީ ކަންކަމުގައި ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި މުޒާހަރާ ރޭވިފައިވަނީ އިދިކޮޅު 'އިންޑިއާ' އެލަޔަންސްއިން އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތަކެއްގައި ގޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ހިމެނޭހެން އިދިކޮޅު ގިނަ ލީޑަރުންތަކެއް ހައްޔަރުކޮށް ދޫކޮށްލި ހާދިސާއަށްފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު