އަޝްވާގް ފައުޒީ   19 އޯގަސްޓު 2026 - 10:15
ރޮބާޓޯ ކާލޯސް
ރޮބާޓޯ ކާލޯސް
ބްރެޒިލްގެ ފުޓްބޯޅަ އައިކަން އަދި ފެނަރބާޗޭގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަން ހާމަކުރެއްވީ ތުރުކީގެ ވެރިކަން ކުރާ އޭކޭ ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން، ބްރެޒިލްގެ ސާއޯ ޕޯލޯގައި އިސްލާމީ އުންމަތުގެ މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ.

އަލީ ޝާހިން ހާމަކުރެއްވި ގޮތުގައި، ކާލޯސް އިސްލާމްދީން ގަބޫލުކުރި ޚަބަރު އޭނާއަށް ލިބުނީ ބްރެޒިލްގެ އިސްލާމީ އުންމަތުގެ އިސް ބޭފުޅެއް ކަމަށްވާ ޝޭޚް ޖިހާދު ހައްމާދާގެ ފަރާތުންނެވެ.

ޝޭޚް ޖިހާދު ވިދާޅުވި ގޮތުގައި ކާލޯސް ދިޔައީ އޭނާއާ މަޝްވަރާކުރަމުންނެވެ. އަދި މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން ކާލޯސް ވަނީ ޝޭޚް ޖިހާދުގެ އަރިހަށް ޒިޔާރަތްކޮށް، ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި އިސްލާމްދީން ގަބޫލުކޮށްފައެވެ.

މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އަލީ ޝާހިން ވަނީ ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކުރުމާ ގުޅިގެން މަރުޙަބާ ދަންނަވައި، އޭނާއާއި އޭނާގެ އާއިލާއަށް އަމަންއާމާންކަމާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައެވެ.

ސާއޯ ޕޯލޯގައި ބޭއްވި މި ބައްދަލުވުމުގައި ބްރެޒިލްގެ އިސްލާމީ އެކި ޖަމްއިއްޔާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ކާލޯސް ދާދިފަހުން ވަނީ އެސްޕެއިންގައި ހަރަކާތްތެރިވާ މޮރޮކޯއަށް ނިސްބަތްވާ ފުޓްބޯޅަ އޭޖެންޓެއް ކަމަށްވާ ސުހައިލާ އަލް ތޯހިރީއާ ކައިވެނިވެސް ކޮށްފައެވެ.

އުމުރުން 53 އަހަރުގެ ރޮބާޓޯ ކާލޯސްއަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް "ލެފްޓް ބެކް" އެވެ. ރެއާލް މެޑްރިޑްގައި ކާމިޔާބު ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ ވަނީ 2007 ވަނަ އަހަރު ތުރުކީގެ ފެނަރބާޗޭއަށްވެސް ކުޅެފައެވެ.

ނަމަވެސް، އިސްލާމްދީން ގަބޫލުކުރި ކަމަށް ފެތުރޭ ޚަބަރާ ގުޅޭގޮތުން ކާލޯސް އަމިއްލައަށް އަދި ސީދާ ގޮތެއްގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް