މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިންދާ ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އިސްކޮށް ހަރަކާތްތެރިވާނެ ބައެއް ފަރާތްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ.

މިގޮތުން މައްކާގައި ގާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ. އަދި މިއަހަރުގެ ޙައްޖުވެރިންގެ އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މިބޭފުޅުން މަޤާމުތަކަށް ހަމަޖައްސަވާފައިވާއިރު، 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ ބައްދަލު ކުރަށްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެފައެވެ.

ހަމައެއާއެކު ވަޒީރު ވަނީ، ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި، ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.

މިއަހަރުގެ ޙައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއަރލައިންގެ ފްލައިޓްތަކުގައި ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ.

އެގޮތުން ފުރަތަމަ ގުރޫޕް މެއި 15 ގައި ފުރާއިރު ދެވަނަ ގުރޫޕް ފުރާނީ މެއި 17 ގައެވެ. އަދި ތިންވަނަ ގުރޫޕް މެއި 18 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، ހަތަރުވަނަ ގުރޫޕް ފުރާނީ މެއި 19ގައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. ޙައްޖުގެ އަޅުކަމަށްފަހު ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5 އިން 9 އާ ދެމެދުގެ ތާރީޚުތަކުގައެވެ.



ކިޔުންތެރިންގެ ހިޔާލު