ޝާން މުހައްމަދު   6 ފެބްރުއަރީ 2025 - 17:49
އައްޑޫ ސިޓީގައި އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ދަތުރުކުރަމުންދާ ވީރާނާވެފައިވާ ލިންކު ރޯޑު ހެދުމަށް މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ލިންކު ރޯޑު މި އަހަރު ހަދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ލިންކު ރޯޑުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، މަގު މިހާރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލާއި ވަރަށް ގިނަ ރައްޔިތުން ވެސް އަންނަނީ ބުނަމުންނެވެ.

މި ސަރުކާރުން މިދިޔަ އަހަރު ވަނީ މި މަގުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލް ވަނީ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

"އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސް ކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށެވެ.

އައްޑޫސިޓީ ލިންކް ރޯޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ. ގަމާއި ފޭދޫ ގުޅޭ ހިސާބުން ފެށިގެން ހިތަދޫގެ ކޮޅާ ހަމައަށް ތާރު އަޅައިގެން ހެދި އެ މަގު ނިންމައި ބޭނުން ކުުރަން ފެށީ 2003 ގަ އެވެ. މިއީ އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކަށް ދެވޭގޮތަށް ހަދާފައިވާ ދިގު މަގެކެވެ.



ކިޔުންތެރިންގެ ހިޔާލު