ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު މަޝްވަރާކުރައްވައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއާއި ވަޒީރު ޑރ. މުއްޠަލިބް ބޭއްވި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަޝްރޫޢު އަވަސްކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. އަދި ކުރިމަގުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އިތުރު މަސައްކަތްތައް ގުޅިގެން ކުރުމަށް ދެ ބޭފުޅުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ބްރިޖުގެ 46.58 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައެވެ.



ކިޔުންތެރިންގެ ހިޔާލު