އައްޑޫ ސިޓީއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފި އެވެ.

ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ގާއިމުކޮށްފައިވާ އައްޑޫ ސީޕީއެސްގެ ޖެންސެޓްތަކަކަށް މައްސަލަ ދިމާވެ، ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށެވެ. މި މައްސަލަ ހައްލުކުރަން ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މާދަމާ ހައްލުވާނެ ކަމަށް ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ އިން ބުނެއެވެ. މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަކަށް ގެންނަން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކައިން ނެރުނު ބަޔާނުގައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު