ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހާލަތުން އަރައިގަނެވި ކުރިއަށް ދިޔުމުގެ މަރުހަލާއަށް އާދެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅަށް އެމަނިކުފާނު ކުރަށްވާ 3 ދުވަހު ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމު އިގްތިޞާދު އޮތީ ވަރަށް ދަތި ހާލަތެެއްގައި ކަމަށެވެ. އަދި މިދިޔަ އެެއްއަހަރު ތެރޭގައި އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެކަމުން އަރައިގަނެވި މިހާރު މިވަނީ ކުރިއަށް ދިޔުމުގެ މަރުހަލާއަށް އާދެވިފައި. އެހެންވީމާ މިއަހަރަކީ ވައުދުތަކުގެ އަމަލީ މަސައްކަތް ފަށާނެ އަހަރު. އެ އަޒުމުގައި ސާބިތުކަމާއެކު ރައްޔިތުންނާއި އެކު ސަރުކާރުން ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގައި ހުރެގެން ސިޓީބިޓީ ނިޒާމުގެ ތެރެއިން ބިއުރޯކްރަސީގެ ތެރެއިން އެ ފިލްޓަރވެގެން އަންނަ ގޮތަކަށް އައިސް އަންނަ ކަންކަމަކީއެއް ނޫން އަޅުގަނޑު ހަމައެކަނި ބޭނުންވާ ގޮތަކީ. އޭގެ އިތުރަށް ސީދާ ރައްޔިތުން ގާތަށް އައިސް ކަންކަން އޮޅުންފިލުވައިގެން ކަންކަން ކުރަން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތް ދޭން ބޭނުންވާތީ. ރައްޔިތުންގެ ވިންދު ސީދާ އެނގެން ބޭނުންވާތީ. އެ ވިންދާ އެއްގޮތަށް އެކަން ކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގއ. ދެއްވަދޫގެ ތަރައްޤީއަށް ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ރަށް ގިރުމާއި ކުނިކޮށީގެ މައްސަލައަށް އެކުއެކީގައި ޙައްލު ހޯއްދެވުމުގެ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ. އަދި ދެއްވަދޫ ކައުންސިލުން މިހާރު ފެށި، ހުއްޓިފައިވާ މަސައްކަތްތައް އަލުން ހިންގަން ފަށާއިރު ރަށްގިރުމުގެ މައްސަލައާއެކު ބަނދަރަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ބިމުގެ ޖާގަ އިތުރުކޮށް، ކުނިކޮށީގެ މައްސަލައަށް ޙައްލު ލިއްބައިދެނިވި ގޮތަކަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ޙައްލު ލިބުމާއެކު މަސްވެރިންވެސް ހިމެނޭނެހެން ރަށުގެ ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ގއ. ދެއްވަދޫގެ ޞިއްޙީ މަރުކަޒުގައި އިތުރު ފެސިލިޓީތައް ޤާއިމުކުރައްވައި، ކުޑަކުދިންގެ ޑޮކްޓަރަކާއި، އެކްސްރޭގެ ޚިދުމަތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގއ. ދެއްވަދޫ ފަދައިން ޖިއޮގްރަފީ ގޮތުން އެކަހެރި، އަދި ދުރު ދަތުރުތައް ކުރަންޖެހޭ ސަރަޙައްދުތަކަށް ސީ-އެމްބިއުލާންސް ޚިދުމަތް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭއިރު، އެ މަސައްކަތްތައްވެސް މިހާރު ފަށްޓަވާފައި ވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު