ރާއްޖޭގެ އެއް އާއިލާއަކަށް ނިސްބަތްވާ 40 މީހަކު އެކުގައި އުމްރާގެ އަޅުކަން އަދާކުރަމުން އެބަދެއެެވެ.

އުމްރާގެ އަޅުކަމަށް ދިވެހި އެ އާއިލާ ސައުދީއަށް ދިޔަކަން ހާމަކޮށްފައިވަނީ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީންނެވެ.

ސައުދީގައި ހުންނަ ދިވެހި އެމްބަސީން ބުނީ އެ އާއިލާއިން ދިވެހި އެމްބަސީއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މި ޒިޔާރަތުގައި ސައުދީއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އާއި އެމްބަސީގެ އިސްވެރިން އެ އާއިލާއާ ބައްދަލުކުރެއްވި ކަމަށް ސައުދީގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މަހު ރާއްޖެއިން 6،373 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ކަމަށެވެ.

މިމަހު އުމްރާގެ އަޅުކަމަށް އެންމެ ގިނައިން މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުން ކަމަށްވާއިރު އެ ގްރޫޕުން މިއަހަރު ވަނީ 830 އަށްވުރެ ގިނަ މީހުން ގެންގޮސްފަ އެވެ. މިއީ ހައްޖު ކޯޕަރޭޝަންގެ ތާރިޚުގައި އެންމެ ގިނަ ބަޔަކު އުމްރާ އަށް ދިޔަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސުކޫލު ބޮޑު ޗުއްޓީ އާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަން އަދާކުރަން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު