ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެޖޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި ގުޅުން އޮންނަ ކުންފުންޏަކަށް ދިން ފަޅުރަށެއް އަތުލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މާޒިޔާ ސާވިސަސްއަށް އއ. އަލިކޮއި ކިޔާ ފަޅުރަށެއްގައި ރިސޯޓެއް ހެދުމަށް ރަށް ދޫކުރިކަމުގެ އެވޯޑު ލެޓަރ ދޫކޮށްފައިވަނީ މި އަހަރުގެ ޖޫން 26 ގައެވެ.

އެނގިފައިވާ ގޮތުގައި އެވޯޑު ލެޓަރ ބާތިލުކޮށް ރަށް އަތުލާފައިވަނީ، 1.2 މިލިއަން ޑޮލަރަށް ދޫކުރި އެ ރަށަށް ދައްކަންޖެހޭ ފައިސާ މާޒިޔާ ސާވިސަސްގެ ފަރާތުން ދައްކާފައި ނުވާތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޒިޔާ ސާވިސަސްއަކީ ފަޒުލްގެ ހިއްސާ އޮންނަ ކުންފުންޏެއް ނޫނެވެ. އެހެންނަމަވެސް، އެ ކުންފުންޏަށް ފަޒުލް އިންވެސްޓްކޮށްފައިވާ ކަމާއި އޭނާއާ އެ ކުންފުންޏާ ގުޅުން އޮންނަކަމަށް މައުލޫމާތު ލިބެއެވެ.

ޓޫރިޒަމް މިނިސްޓްރީން މާޒިޔާ ސާވިސަސްއަށް ދޫކުރި ރަށް އަތުލާފައިވާއިރު އެ ރަށުގެ ފައިސާ ދެއްކުމަށް އެ ކުންފުންޏަށް އެކި ފަހަރުމަތިން މުއްދަތު ދީފައިވެއެވެ. ނަމަވެސް ފައިސާ ނުދައްކާތީ މިދިޔަ މަހު 10ގެ ފަހުން މުއްދަތު އިތުރުކޮށްނުދީ ބާތިލުކުރީކަމަށް މައުލޫމާތު ލިބެއެވެ.

ފަޒުލްއާއި ގުޅުން އޮންނަ ކުންފުންޏަކަށް ދިން ފަޅުރަށެއް އަތުލާފައި މިވަނީ، އެޗްޑީސީގެ ތެރެއިން ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް އޭސީސީއާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު