ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ރޭވި އެތައް މިލިއަން ޑޮލަރުގެ ރިޝްވަތު ހިމެނޭ މައްސަލައެއް ފަޅާއަރުވާކައިފިއެވެ.

މިކަން ހާމަވެފައިވަނީ ވޮޝިންޓަން ޕޯސްޓްގައި އާންމުކުރި ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުން، މި އަހަރުގެ ކުރީކޮޅު އިންޑިއާއާއި ރާއްޖެއާ ގުޅުން އެންމެ ގޯސްވި ދުވަސްވަރާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް ބޮޑު ރޭވުމެއް ރާވާފައެވެ.

ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވަނީ "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ގެ ނަމުގައި ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް ފައިސާ ހޯދުމަށް އެކި ގޮތްތައް އިދިކޮޅު ފަރާތްތަކުން ދިޔައީ ރާވަމުންނެވެ.

އަދި އެކަމުގެ މަޝްވަރާތައް އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ ބައެއް އެޖެންޓުންނާއެކު އިދިކޮޅުން ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވާގޮތުން، އިދިކޮޅުން ގެންގުޅުނު ޕްލޭންއާއި ގުޅޭގޮތުން ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް ދައްކާފައިވާ ވާހަކަތަކެއް ރައީސް މުޢިއްޒުގެ އަރިސް ބޭފުޅަކުވަނީ އެ ނޫހަށް ދީފައެވެ.

ނޫހުގައި ބުނީ، އެ މީހުންވަނީ ވެރިކަން ވައްޓާލަން ރޭވިކަން ނޫހަށް ވެސް ޔަގީންކޮށްދީފައި ކަމަށެވެ. ނަމަވެސް، އެކަމުގައި އިންޑިއާ ސަރުކާރުގެ ޝާމިލުވުން ރަސްމީކޮށް އޮތްކަމަށް އެ މީހުން ނުބުނާކަމަށް ނޫހުން ބުނެއެވެ.

ޕްލޭންގައި ވަނީ، ޕީއެންސީގެ މެންބަރުން ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރާވާފައިކަމަށް ވޮޝިންޓަން ޕޯސްޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ތިން ގޭންގަކަށް ފައިސާ ހުށަހެޅުމަށާއި ދިވެހި ސިފައިންނާއި ފުލުހުންގެ ތެރެއިން އިސް 10 އޮފިސަރުންނަށް ރިޝްވަތުގެ ފައިސާ ހުށަހަޅައިގެން އެކަމުގައި މަދަދު ހޯދުމަށް ވެސް ޕްލޭން ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ލަކްޝަދީބުގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުޅުއްވި އިސްތިހާރަކާ ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެގެން ދިޔަ އެ ދުވަސްވަރާ ގުޅުވައި، ހެދި އެ ޕްލޭންގައި އޮތްގޮތަށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށް އިންޑިއާއިން ފައިސާ ހޯދުމަށް މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށްވެސް ވަނީ ބުނެފައެވެ.

މަޖިލިސް މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ދިނުމަށް ހަ މިލިއަން ޑޮލަރު ބޭނުންވާއިރު އެ ފައިސާ ހޯދުމަށް އިންޑިއާއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެންބަރު ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވިކަމަށް ވެސް ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވެއެވެ.

އަދި އެ ޕްލޭން ކާމިޔާބު ނުވެއްޖެނަމަ އިންޑިއާ އިން ފައިސާ ހޯދައިގެން، އެމްޑީޕީ އަށް މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްދޭން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ކަމަށްވެސް އެ ނޫހުގައި ވެއެވެ. ނަމަވެސް އެކަން އެ ދެ މެންބަރުން ވެސް ވޮޝިންޓަން ޕޯސްޓަށް ދޮގުކޮށްފައިވާކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެގޮތަށް ޕްލޭންތައް ކުރިނަމަވެސް، އެކަށީގެންވާ އަދަދަށް މެންބަރުން ނުލިބުމުން އެކަން އިދިކޮޅަށް ކާމިޔާބު ވާގޮތް ނުވިކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން އެފަދަ ޕްލޭނެއް ރާވާފައިވާކަން ރައީސް މުޢިއްޒަށް އެނގިވަޑައިގެންނެވިކަމަށް ވެސް ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގެންނެވުމުން އެކަމަށް ފިޔަވަޅުތަކެއް އެޅުއްވިކަމަށް ވެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 11 މެންބަރަކު ޕީއެންސީއަށް ގެންނެވުމަކީ ވެސް އެގޮތުން އެޅުއްވި ފިޔަވަޅެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު