އާ އަހަރާއި ދިމާކޮށް ދިވެހިރާއްޖެއަށް އައި މަހުޖަނުންގެ ޖެޓްތަކުގެ އަދަދު އަށް އިންސައްތަ އިތުރުވެފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ކްރިސްމަސް އަދި އާ އަހަރާ ދިމާކޮށް މި އަހަރު ރާއްޖެއަށް އައިސްފައިވާ މަހުޖަނުންގެ ޖެޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހުގެ 29 ގެ ނިޔަލަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާ ކަމަށް އެ ކޮމްޕެނީން ވަނީ ބުނެފައެވެ. މިއީ އަށް އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ.

މި އަހަރަކީ ރާއްޖެއަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރި އަހަރެއްކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން މިއަހަރު ސަރުކާރުން އަންދާޒާ ކުރި އަދަދު، ދެ މިލިއަން ފަތުރުވެރިންނަށްވުރެ އިތުރުވެފައިވާކަންވެސް ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު