މާލޭގެ ތަފާތު ތިން ސަރަހައްދެއްގައި ރޭ މާރާމާރީތަކެއް ހިންގާފައިވަނިކޮށް، މިއަދު ވެސް މާލޭގައި ގުރޫޕް ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

ފުލުހުން ބުނީ ރޭ ހިނގި އެއް މާރާމާރީއަކީ ސައިކަލެއްގައި ހެލްމެޓު އަޅައިގެން އައި ބަޔަކު، މޫނިޔާމަގު ޑި ޕަބްލިކް ކެފޭތެރެއަށް ވަދެ ހިންގި މާރާމާރީއެއް ކަމަށެވެ. ދެވަނަ މާރާމާރީއަކީ، ޝަހީދުކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހުންނަ ކިންޒާ ކެފޭ ކުރިމަތީ ހިންގި މާރާމާރީއެކެވެ. މިއީ ހަ މީހަކު ސައިކަލުގައި އައިސް ހިންގި މާރާމާރީއެއް ކަމަށާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހަވީރު ވެސް ޝަހީދުކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހުންނަ ކިންޒާ ކެފޭ ކައިރީގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 3 މީހުންވަނީ އެ ސަރަހައްދުގައި ހުރި ސައިކަލެއް ބިންމައްޗަށް ވައްޓާލައި އެޅި ގަލަކުން ޖަހައި ވަރަށް ބޮޑަށް ގެއްލުންދީފައެވެ. މިއަދު ހަވީރު ގާތްގަނޑަކަށް 16:15 ހާއިރު ހިންގި އެހާދިސާ ހިންގީ އެތަށް ބަޔެއްގެ ކުރިމަތީގައެެވެ. އެކަން ހުއްޓުވަން އެއްވެސް މީހަކު މަސައްކަތް ކުރި ތަނެއް ނުފެނެއެވެެ.

މި ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފިލިގަސްމަގު، ނޫރު މިސްކިތް ކައިރީގައި ވެސް ބަޔަކު މާރާމާރީ ހިންގި ކަމަށެވެ. ނަމަވެސް، މި މައްސަލަތަކުގައި މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައި ނުވި ނަމަވެސް، މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް