ރާއްޖެއިން މަސައްކަތްކުރަމުންދަނީ ޑިމޮކްރަސީގެ އަސާސްތަކުގެ ގޮތުގައި ޝަރަފާއި، ހަމަހަމަކަމާއި، އަދުލުވެރިކަން އޮންނަ މުޖުތަމައެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެންމެންގެ ހައްގުތައް ހުރީ ލާމެހި އެކުވެ ގުޅިފައި ކަމަށާއި އަދި އަމިއްލަ ހައްގުތައް ރައްކާތެރިކުރުމަށް އެހެން މީހުންގެ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަކީ ޒަރޫރީ ކަމެއް ކަމަށެވެ.

ރައީސްގެ މެސެޖްގައި އެހެން މީހުންގެ ހައްގުތައް ދިފާއުކުރުމުގެ ތެރެއިން އަމިއްލަ މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރުމުގެ މަބްދައަކީ މީގެ 75 އަހަރު ކުރިން ގާއިމުކުރެވުނު އދގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ އެންމެ ފުނުގައި އޮތް މަބްދައުކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އަސާސްތަކުގެ ގޮތުގައި އިއްޒަތާއި، ހަމަހަމަކަމާއި އަދުލުވެރިކަން އޮންނަ މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. އެގޮތުން މި ސަރުކާރު އޮތީ ސުލްހަވެރި ޝާމިލު މުޖުތަމައެއް އުފެއްދުމަށް އަޒުމު ކަނޑައަޅައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސުލްހަވެރި އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެނަށް ސިއްހީ ފަރުވާއާއި ތައުލީމާއި އަދުލުވެރިކަން ލިބޭ ގޮތަށް ރާއްޖޭގެ ހާއްސަ ތަބީއަތަށް ރިއާޔަތްކޮށްގެން ސަރުކާރުން ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވައިލަމުންދާކަމަށެވެ.

ސަރުކާރުން އޮތީ ނޫސްވެރިކަމުގެ މިނިވަންކަމާއި މަސައްކަތްތެރިންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، އަންނާން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނެވި ތިމާވެއްޓެއް ނަގަހައްޓައި ފޯރުކޮށްދިނުމަށް އަަޒުމް ކަނޑައަޅަައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް