މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ގައުމީ ވާޖިބެއްް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަކީ އަތްވާއި ވާރޭގައި, ރޭގަނޑާއި ދުވާލު ބިޔަ ކަނޑުތަކުގައި ހިތްމަތާއެކު މަސައްކަތްކުރާ ބައެއް ކަމަށެވެ.

އެހެންކަމުން އެ ހިތްމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް އަމަނިކުފަނު ވިދާޅުވި އެވެ.

މަސްވެރިންނާ ގާތުން މަސައްކަތްކޮށް މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލުހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މިއަދުން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެކަން، ރައީސް ޑރ މުއިއްޒު އިއްޔެ ވަނީ ޢިއުލާން ކުރައްވާފައެވެ. އަދި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއްކަމަށްވާ، ތެޔޮ ލިބުމުގައި ހުރި ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯ ނުވަތަ އެފް.އެސް.އެމް ސައިޓްތަކުން "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



މީގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮންނަ އިނާޔަތްތައް މަސްވެރިންނަށްވެސް ފަހިވުމަކީ މަސްވެރިން އެދި ތިބި ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އެކުލަވާލެއްވި މަސްވެރިންގެ ދަފުތަރަށް ޤާނޫނީ ޙައިޘިއްޔަތު ދޭނެ ކަމުގެ ފެހި ސިގުނަލްވެސް، އެމަނިކުފާނު މިހާރު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް