ރައްޔިތުންނަށް ދެރަ ދިނީމާ ރައީސް މުހައްމަދު އަމީނަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަތައް ކަމާގުޅޭ މުއައްސަސާތަކުން ވަގުތުން ބަލާ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފިއެވެ.

ރައްޔިތުންނަށް ދެރަދިނީމަ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން އަވަހާރަވީ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށްފަހު ރައްޔިތުންގެ ބަޔަކު އަމީންގެ ހަށިކޮޅަށް އަރައިގަނެ ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ ހާދިސާ އަށް އިޝާރަތްކުރައްވައި ފައްޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި އެއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަން ޖެހޭ ކަމެއް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ،" ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޗެއާޕަސަން ކަމުގައި ހުންނެވި ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި‏ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ރައީސް އަމީނަށް ވީގޮތް ރައީސް މުއިއްޒުއަަށް ވެދާނެ ކަމަށް އެޕާޓީގެ އެކްޓިވިސްޓަކު ޖަލްސާ އެއްގައި ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީނަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ؟ އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް." ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އަމީނަށް ވީގޮތް ރައީސް މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަތައް ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް