ސަރުކާރަށް ވިސްނައިދޭން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށާއި މަގުމައްޗަށް ނިކުންނަނީ ސަރުކާރަށް އަޑުއިއްވަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ އެކި ޖަލްސާތަކާއި ފޯރަމުތަކުން ސަރުކާރަށް އަޑުއިއްވަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށާއި އެޕާޓީގެ އަޑު ސަރުކާރުން ނޭހި ކަމަށެވެ. ޤާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން އެއްވުމެއް ބާއްވާނީ އަޑުނީވޭ ސަރުކާރަކަށް ރައްޔިތުންގެ އަޑު އިއްވަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އާރާ ބާރު އޮތުމުން އެ އަޑެއް ނޭއްސެވި އާންމު ރައްޔިތުންނަށް ދައްކަވަނީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތޯ، އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ އެގޮތަކަށް ނޫން،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ކުރާ މަސައްކަތަކީ ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށެވެ. އެމްޑީޕީއަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ބާލާ ބައެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެ އެޕާޓީން މަސައްކަތް ކުރާނީ ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެކަން ކުރަން އަޅުގަނޑުމެންނަށް ޖެހެނީ ޖަލްސާ ބާއްވައިގެން ނަމަވެސް މަގުމައްޗަށް ނިކުމެ މުޒާހާރަކުރަންވިޔަސް އެކަންކަމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން