ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ މިހާރު މިއީ އަނެއްކާވެސް ލޮކްޑައުން އަކަށް ދާންވީ ވަގުތު ކަމަށް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ޚަބަރު ފީތާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރާ މީހުން ގިނަވާ ކަމަށްވާ ނަމަ ސިއްހީ ނިޒާމަށް ކަތާނެތޯ އެއީ މިއަދު އުފެދޭ ސުވާލެއް ކަމަށެވެ. އެކަން ކުރެވޭނީ ކޮންޓެކްޓު ދަށް ކުރަން ބަދަލުތަކެއް ގެނެވިގެން ކަން ޑރ.ޝީނާ މޫސާ ފާހަަގަކުރެއްވިއެވެ.

"ޓެކްނިކަލީ ބުނަންޏާ އަޅުގަނޑު ޕާސަނަލީ ބުނާ ކަމަށްވާ ނަމަ އިޓްސް ޓައިމް ފޯ ލޮކްޑައުން." ޑރ. ޝީނާ ވިދާޅުވިއެވެ.

އިތުރު ލޮކްޑައުން އަކަށް ނުގޮސް މިކަން ހައްލަކަށް ގެނެވިދާނެތޯ ވެސް ޑރ. ޝީނާ ވަނީ ސުވާލު އުފައްދަވާފައެވެ. ޑރ. ޝީނާ ވަނީ ދުނިޔޭގައި ކުރި އަރާފައިވާ ގައުމުތައް ވެސް ލުއިތައް ދިނުމަށްފަހު ދެވަނަ ފަހަރަށް ލޮކްޑައުން އަކަށް ގޮސްފައިވާ ކަން ފާހަގަކުރައްވާފައެވެ.

"އެހެން ތަންތަނުގައި މީހުން މަރުވެގެން ދިޔައީ ސިއްހީ ނިޒާމު ބާޑަން ވެގެން އެމީހުންނަށް ކޭޓާ ނުކުރެވިގެން. ނަންބަރުތައް އަންނަލެއް ފާސްޓުކަމުން ލާނެ އެނދު ނެތީ ބަލި މީހުންނަށް ކޭޓާ ކުރާނެ ޑޮކްޓަރުންނާއި ނަރުހުން ނެތީ، އެވަރަށް މާ ފާސްޓުކޮށް ނަންބަރުތައް އަންނަނީ." ޑރ. ޝީނާ މޫސާ ވިދާޅުވިއެވެ.

މިހާރު މިދާ ބާރުމިނުގައި ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށްވާ ނަމަ އައިސީޔޫގައި އެޑްމިޓު ކުރާ ބަލި މީހުންގެ 50 ޕަސެންޓު މި ބަލީގައި މަރުވެދާނެ ކަން ޑރ. ޝީނާ މޫސާ ވަނީ ލަފާކުރައްވާފައެވެ. ރާއްޖޭގައި ބަލި ޖެހިގެން އައިސީޔޫގައި ފަރުވާ ދެވެނީ އެއްވަގުތެއްގައި 12 ނޫނީ 15 މީހުންނަށް ކަމަށްވެސް ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު