އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ގާނޫނުލް އުގޫބާތަށް މިއިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ސިރާޖު ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.

އަދި ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެކެވެ. އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކު ކުރީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ.

ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެއް ކަމަށް މެމްބަރު ސިރާޖު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަޒީފާގައި އުޅޭ ނުވަތަ ކުރިން އުޅުނު މީހެއް ނަމަ، ކުށުގެ އެންމެ ބޮޑު އަދަބަކަށް ވާނީ އަށް އަހަރުގެ ޖަލު ހުކުމެވެ. ދައުލަތުގެ މުވައްޒަފަކު ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށް ބަޔާންކުރާ އިސްލާހުގައި ވަނީ އޭނާއަށް ނުވަތަ އެހެން މީހާކަށް ސީދާ އަދި ނުސީދާ ގޮތުގައި، އެނގިހުރެ މަންފާއެއް ހޯދަން އެދުމާއި، މަންފާ ގަބޫލުކުރުމަށް އެއްބަސްވުމަކީ ކުށެއް ކަމަށެވެ. އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ޖަލު ހުކުމެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ސަނާ

23-Aug-2020

ވަރަށް ފައްކާ މާލަސް ވެސް ވެއްޖެ ތަހުގީގަކަ ނުލާ އަދަބު ދެވޭނެ ނަގެއް ކޮށާލަންވީ އެނޫން ގޮތަކަށް ވަގުން ސައިޒެއް ނުވާނެ