ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި 17 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ޑިރެކްޓަރު އާއިޝަތު ޝޫޒާ މަގާމުން ވަކިވާން މަޖުބޫރުކޮށް ވަޒީފާގެ މާހައުލުގައި ދަތިކުރަމުންދިޔަކަން ހާމަކޮށް މިނިސްޓްރީގެ ވެރިންނަށް އޭނާ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

މިހާރު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސް މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޝޫޒާއަށް އެކި ގޮތްގޮތުން ދަތިކުރިކަމުގެ ތުހުމަތުގެ ވާހަކަތައް ވަނީ ކިޔައިދެއްވާފައެވެ.

"އެލްޑާލީ ޑިޕާޓްމަންޓު" ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމުމުމުން ބޭއްވި އެ ބައްދަލުވުމުގައި ޝޫޒާ ވިދާޅުވެފައިވަނީ، ޑިސެމްބަރު 2023 އާ ހަމައަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި، އޭނާ ކުރައްވަމުން އައި ހުރިހާ މަސައްކަތެއް އޭނާ އަތުން އަތުލައި، މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން ބޭރުކޮށް، އެ ހިސާބުން ވެސް ނުވެގެން އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސް ވެރިންގެ މީޓިން ތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތްތައް އަތުލައި އޭނާ ވަނީ އާދައިގެ ކޭސް ވޯކަރަކަށް ބަދަލުކޮށްފައި ކަމަށެވެ.

އަދި އެއްވެސް ސަބަބެއް ނުދައްކައި، ވީ ގޮތެއް ނޭނގި އެހެން ކަންކުރުމުން އެ ކަންތައް ސާފުކުރަން އެޕޮއިންޓްމަންޓަކަށް އެދުމުން އެޕޮއިންޓްމަންޓް ވެސް ނުދެއްވިކަމަށް ޝޫޒާ ވަނީ ވިދާޅުވެފައެވެ.

ވީޑިއޯގައި އޭނާ ވިދާޅުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީއަކުން އޭނާގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ނަފުސާނީ ގޮތުން ވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

ޝޫޒާގެ ވާހަކަ މީސްމީޑިއާގައި ފެތުރުމުން ގިނަ ބަޔަކު ވަނީ އެކަން ހިނގިގޮތެއް ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަދި އޭގެފަހުން މިނިސްޓްރީން ވަނީ ޝޫޒާގެ ވާހަކަތައް ދޮގުކޮށްފައެވެ. މިނިސްޓްރީން ބުނެފައިވަނީ "އެލްޑާލީ ޑިޕާޓްމަންޓު" ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި މުވައްޒަފުން ވެސް ވަނީ މަގާމަށް އެއްވެސް ބަދަލެއް ނުގެނެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި އެކަން ކޮށްފައިވާނީ ބަދަލުވިއިރު މުވައްޒަފުން އެ މަސައްކަތުގައި ދެމި ތިބޭނެގޮތަށް ކަމަށާއި އެ ޑިޕާޓްމަންޓްގެ ދަށުން ހިނގަމުންއައި ގުރައިދޫ މަރުކަޒުގެ ހިދުމަތްތައް ނުހުއްޓޭނެގޮތަކަށް އެކަން ކުރުމަށް އިސްކަންދީފައިވާނޭ ކަމަށެވެ.

އަދި ރައީސްގެ އެ ނިންމެވުމާއެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނޭ ކަމަށާއި އަދި އެފަދަ މަޖުބޫރުކަމެއް ވެސް އެއްވެސް މުވައްޒަފަކާއިމެދު ގެންގުޅެފައި ނުވާނެކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން