ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލްގެ އަރިހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތުރަކް ޢަބްދުالله އަލްޢަޖާލީން އަލްދައުސަރީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިބައްދަލުވުމުގައި ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.



ޚާރިޖީ ވަޒީރު ޑރ. ޚަލީލު ވިދާޅުވީ މަތުރަކްއާ ބައްދަލުކޮށް މަޝްވަރާ ކޮށްލުމުގެ ފުރުސަތު ލިބުމުން ހިތްހަމަޖެހުން ލިބިވަޑައިގެންނެވި ކަމަށެވެ. މިބައްދަލުވުމުގައި ސައުދީ އަރަބިއްޔާ އާއި ރާއްޖެ އާ ދެމެދު އޮންނަ ވަރުގަދަ ގުޅުމާއި ދެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަޚުވަންތަކަމަށް އަލި އަޅުވާލެވުނު ކަމަށް ޚަލީލް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ޚަލީލް ވަނީ ރާއްޖޭގެ ތަރައްގީއަށް ސައުދީން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ކަމަށް ޑރ. ޢަބުދުﷲ ޚަލީލް ހަމަޖަައްސާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޚަލީލް މީގެ ކުރިން ވަނީ އިންޑިޔާ އިން ރާއްޖެއަށް ކަނޑަަަައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ވެސް ބައްދަލުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު